ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އަންނަ ހަފްތާ ތިލަދުންމަތީގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އަންނަ ހަފްތާ ރައީސް ސާލިހް ތިލަދުންމަތީ ނައިވާދޫ، ފިނޭ، ދިއްދޫ އަދި އުތީމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލްތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާ ރަށްރަށުގެ ހާލަތު ބައްލަވާލައްވާނެއެވެ. އަދި، މިދަތުރުފުޅުގައި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއުވާން ވިދާޅުވީ، މިދަތުރުފުޅުގައި ރަށްރަށުގެ ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރައްވާނެ ކަމަށާއި، އެސަރަހައްދުގައި ކާމިޔާބު ކަމާއެކު ކުރިއަށްދާ އާރްޓީއެލް ފެރީ ނިޒާމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވާލައްވާނެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ މިސަރުކާރުން ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެންނަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބޮޑުތިލަދުންމަތީގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ޖޫނިއާ ކޮލެޖާއި ރަށްރަށުގެ ފެނާއި ނަރުދަމާ މަޝްރޫއުތައް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ދާދިފަހުން މުލަކަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވާފައެވެ.