ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިސަރުކާރުން، ބޮޑު ތިލަދުންމަތީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާކަން ފާހަގަކުުރައްވައި މިޢްވާން ވިދާޅުވީ، އާރްޓީއެލްގެ ފެރީނިޒާމާއި އެކު ބޮޑުތިލަދުންމަތި ދަތުރުފަތުރުން ގުޅާލެވިފައި ވާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި ތިލަދުންމަތީގެ ރަށްރަށުގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއުތަކާއި އެނޫންވެސް ޢުމްރާނީ ތަރައްޤީގެ އެތައް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށެވެ. މީގެއިތުރުން ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަމުގައިވާ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރެވޭނެ ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކޮންމެ ރަށެއްގައިވެސް އަސާސީ ޚިދުމަތްތައް ޤާއިމްކުރައްވައި، އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމްކޮށް، ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެެއްސެވުމަށް ކަމަށެވެ. . އަދި މިމަސައްކަތުގައި ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިޢްވާން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައުލޫމާތާއި، ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ދެބިލެއްގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.