މިިދިޔަ އޮގަސްޓް މަހު، އިންޕޯޓް އެކްސްޕޯޓުން ދައުލަތަށް 391 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 48 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 4.8 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
މީގެއިތުރުން، ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 36 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޮގަސްޓް މަހު 288 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 391 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އޮގަސްޓް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ ޔޫ.އޭ.އީ އަދި ސިންގަޕޯ އެވެ. އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 722 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 510 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫ.އޭ.އީ އިން 466 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 402 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
މިިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ޖަރުމަނުވިލާތް، މޮރީޝަސް، އިނގިރޭސިވިލާތް އަދި ބަނގްލަދޭޝްގެ އިތުރުން އިންޑިއާއެވެ.