އާސަންދަ ކުންފުނީގެ އައު މެނޭޖިންގް ޑިރެކްޓަރ (އެމްޑީ) އަކަށް އިސްމާއިލް އައްޒާމް ވަޖީހު ހަމަޖައްސައިފިއެވެ.

އެކުންފުނީގެ އެމްޑީގެ މަގާމަށް އައްޒާމް ހަމަޖައްސާފައިވަނީ އެމަގާމު ކުރިން އަދާކުރައްވަމުން ގެންދެވި މަރިޔަމް ޝަފީގ މަގާމުން ވަކިވުމާއި ގުޅިގެންނެވެ.

އާސަންދައިގެ އައު އެމްޑީއަކަށް އައްޒާމް ހަމަޖެއްސިއިރު އޭނާއަކީ މީގެކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެންސްޕާގެ ސީއީއޯ އަކަށް އައްޒާމް ހުންނެވީ 2017 ވަނަ އަހަރުއެވެ.

އާސަންދަ ކުންފުންޏަކީ 2011 ވަނަ އަހަރުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވުޖޫރުކުރި ކުންފުންޏެވެ. އާސަންދަ އަކީ ރާއްޖޭގެ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ މަސައްކަތްތައް ހިންގައި ބަލަހައްޓަމުން އަންނަ ކުންފުންޏެކެވެ.

100،000 ރުފިޔާގެ ލިމިޓަކާއެކު 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ރަސްމީކޮށް ޚިދުމަތްދޭން ފެށި އާސަންދަ ކުންފުނިން، ރައްޔިތުންނަށްދޭ އިންޝުއަރެންސްގެ ލިމިޓު އުވާލާ، ހުސްނުވާ އާސަންދަ ތައާރަފްކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.