ޔޫރަޕްގެ ގައުމުތަކަށްފަހު، ސައުދީ އަރަބިއްޔާއިންވެސް އިންޑިއާއިން އެތެރެކުރާ ބާސްމަތީ ހަނޑު އިތުރަށް ޓެސްޓްކުރަން ކަމާބެހޭ އިދާރާތަކަށް އަމުރުކޮށްފިއެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން އިންޑިއާގެ ޕްރިމިއަމް ބާވަތުގެ ބާސްމަތީ ހަނޑޫ އިތުރަށް ޓެސްޓްކުރަން ފެށީ، އިންޑިއާއިން އެތެރެކުރި ބާސްމަތީ ހަނޑުލުގެ ބައެއް ކޮންޓެއިނަރތަކުން ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ ފަންގިސައިޑް "ޓްރައިސިކްލާޒޯލް" ގެ އަސަރު ފެނުމާ ގުޅިގެންނެވެ.
މިކަމާހެދި ސައުދީ އަރަބިއްޔާއިން މިހާރުވަނީ ބާސްމަތީ ހަނޑޫ ހެއްދުމުގައި ފަންގިސައިޑްގެ ބޭނުން ނުކުރުމަށްވެސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ގޮވާލާފައެވެ.
ސައުދީ އަރަބިއްޔާއަކީ އިންޑިއާއިން އެންމެ ގިނައިން ބާސްމަތީ ހަނޑޫ އެތެރެކުރާ ގައުމެވެ. އިންޑިއާއިން އަހަރެއްގެ މައްޗަށް 2 ބިލިއަން އެމެރިކާ ޑޮލަރުގެ ބާސްމަތީ ހަނޑު އެކްސްޕޯޓްކުރާއިރު އޭގެ 70 އިންސައްތަ ދަނީ ސައުދީ އަރަބިއްޔާއަށެވެ.
ކެންސަރުޖެހޭ މާއްދާއެއް، ޕްރިމިއަމް ބާވަތުގެ ހަނޑުލުން މަތީ މިންވަރަކަށް ހުރިކަމުގެ ރިޕޯޓް ލިބުމާއެކު، ސައުދީ ސަރުކާރުގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އިތުރު ޓެސްޓުތައް ހަދައި، ވިހަ މާއްދާގެ އަސަރު ފެނުމާ ގުޅިގެން ބައެއް ކޮންޓެއިނަރތަކުގެ ހަނޑޫ އަބުރާ ފޮނުވާލާފައި ވެސް މެއެވެ.
ބާސްމަތީ ހަނޑުލުގައި ފަންގިސައިޑް "ޓްރައިސިކްލާޒޯލް" ހުންނަން ޖެހޭނޭ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ކަނޑައަޅާފައިވާ މިންގަނޑަށް އަމަލުކުރުމަށް ސައުދީ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން މިހާރުވަނީ ނިންމާފައެވެ. އެއީ، ހަނޑޫ ކިލޯއެއްގައި 0.01 މިލިގްރާމަށްވުރެ މަތިނުވާ މިންވަރެކެވެ.
"ޓްރައިސިކްލާޒޯލް" މިންވަރު މަތިވެގެން، މިއަހަރުގެ ޖެނުއަރީން ފެށިގެން ނޯރވޭ، ސްވިޑަން، އިންގްލެންޑް އަދި ފިންލެންޑުންވަނީ ގާތްގަނޑަކަށް 30 ކޮންޓެއިނަރގެ ބާސްމަތީ ހަނޑޫ އަނބުރާ ފޮނުވާލާފައެވެ.
"ޓްރައިސިކްލާޒޯލް" އަސަރު އެންމެ ބޮޑަށް ހުންނަނީ އިންޑިއާގެ ޕަންޖާބް ސްޓޭޓުން އެކްސްޕޯޓްކުރާ ބާސްމަތީ ހަނޑުލުގައި ކަމަށް ވެއެވެ. އިންޑިއާއިން އެކްސްޕޯޓްކުރާ ހަނޑުލުގެ 24 ލައްކަ ޓަނު ބޭރުކުރަނީ ޕަންޖާބުންނެވެ.
އެހެން ނަމަވެސް، ބާސްމަތީ ހަނޑު އުފެއްދުމުގައި އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ދަނޑުވެރިން "ޓްރައިސިކްލާޒޯލް" ބޭނުން ނުކުރާ ކަމަށް ވެއެވެ. މިކަމާހެދި، ހަނޑޫ އެކްސްޕޯޓްކުރާ ގްރޫޕްތަކުން، ޖައްމޫ އެންޑް ކަޝްމީރުގެ ދަނޑުވެރިންގެ އަތުން އަސްލު އަގަށްވުރެ ބޮޑު އަގުގައި ހަނޑޫ ގަންނަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ ބާސްމަތީ އެކްސްޕޯޓަރސް އެސޯސިއޭޝަންގެ ރައީސް ވިޖޭ ސެތިއާ ވިދާޅުވީ، އިންޑިއާއިން އެކްސްޕޯޓްކުރާ ބާސްމަތީ ހަނޑުލުގައި ޕެސްޓިސައިޑް ވިހައިގެ އަސަރ މަތީ މިންވަރަކަށް ހުންނަ މައްސަލާގައި މައި ސަރުކާރާއި، އަދި ހަނޑޫ އުފައްދާ ސްޓޭޓްތަކުގެ ސަރުކާރުތަކުންވެސް ސީރިއަސްވާންޖެހިއްޖެ ކަމަށެވެ.
ބާސްމަތީ އެކްސްޕޯޓަރސް އެސޯސިއޭޝަނުން މިހާރު ގެންދަނީ، ޚާއްސަކޮށް ޕަންޖާބްގައި ބާސްމަތީ ހަނޑޫ ހައްދާ ދަނޑުވެރިންނާ ބައްދަލުކޮށް، ދަނޑުވެރިކަން ކުރުމުގައި ފަންގިސައިޑް ބޭނުންކުރުން މަދުކުރުމަށް ނަސޭހަތްދީ، ހޭލުންތެރި ކުރުވަމުންނެވެ.
އަދި ބާސްމަތީ ހަނޑޫ ހެއްދުމުގައި ފަންގިސައިޑް އެއްގޮތަކަށްވެސް ބޭނުން ނުކުރުމަށް ސައުދީ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަންގާފައިވާތީ، މައްސަލައަށް ދެފަރާތުން އެއްބަސްވެވޭ ހައްލެއް ހޯދެންދެން، އެ ނިންމުމަށް އަމަލުކުރުން ފަސްކޮށްދިނުމަށް ސައުދީ ސަރުކާރުގައި ދަންނަވައި ދިނުމަށް ބާސްމަތީ އެކްސްޕޯޓަރސް އެސޯސިއޭޝަނުން ސައުދީ އަރަބިއްޔާގައި ހުންނަވާ އެމްބަސެޑަރު އަރިހުގައި އެދިފައިވެސް މެއެވެ.