ބޮމެއް އޮތްކަމަށްބުނެ ގަން އެއާޕޯޓުގައި ވާހަކަދެއްކި އުމުރުން ދުވަސްވީ ދިވެހި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސްހުރި މީހަކު ބޮމެއް އޮތްކަމަށް ބުނި މައްސަލައެއް މިއަދު 17:25 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މައުލޫމާތު ލިބުމުން އެމްއެންޑީއެފް އާއި އެކަން ހިއްސާކުރި ކަމަށާއި، އެމްއެންޑީއެފް އިން އެމީހުން ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އުމުރުން 58 އަަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަަން ފުލުހުން ވަނީ ހާމަކޮށްފައެވެ.