ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގައި މަސައްކަތްކުރި މީހާގެ މައްޗަށް ކަނޑައެޅި އަދަބު ކުޑަކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފިއެވެ.
އެމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރިން ފުލުހުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ 1 އަހަރާއި 1 މަހަށް އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
ދައުލަތުން ކޯޓުގައި އެދިފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން 7 މަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ދައުލަތުން އެދުނު އަދަބު ދެގުނަ މަތިކުރުމަށް ފަހުއެވެ.
ކްރިމިނަލް ކޯޓުން އޭނާގެ އަދަބު ބޮޑުކޮށްފައިވަނީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އުސޫލުގެދަށުން ފަނޑިޔާރަށް ލިބޭ އިހުތިޔާރު ބޭނުންކޮށްގެންނެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕީޖީ އޮފީހުން މިމައްސަލަ އިސްތިއުނާފް ކުރުމަށް ނިންމާފައިވަނީ ކޯޓުން އަދަބު ކަނޑައެޅިގޮތާމެދު "ހިތްހަމަނުޖެހޭތީ" އެވެ.
މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ވަނީ އޭނާވެސް ޖަލަށް ލުމަށް އެދިފައެވެ. ކްރިމިނަލް ކޯޓުން ވަނީ 3 މަސް ދުވަހަށް އޭނާ ގޭބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.
ނަމަވެސް ދައުލަތުން އެމައްސަލަ މިހާތަނަށް އިސްތިއުނާފް ކޮށްފައެއް ނުވެއެވެ.