ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.
އެމައްސަލައިގައި އެންމެ ފަހުން ބޭއްވި 2 އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވަ ހެކިންގެ ހެކިބަސް ނަގާފައެވެ.
ދިފާއީ ހެކިންގެ ގޮތުގައި މިހާތަނަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ އިތުރުން އަބްދުﷲ ރަޝީދު ކިޔާ މީހެއްގެ ހެކިބަސް ނަގާފައިވެއެވެ.
އެގޮތުން، މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ބަލައްވައިގެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވާ އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނުމަށާއި، އެފައިސާ ޔޫސުފް ނައީމާ ހަވާލުކުރުމަށް އަމަލީގޮތުން ހަރަކާތްތެރިވި ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަބްދުﷲ ރަޝީދުވަނީ ރައީސް ޔާމީން ޔޫސުފް ނައީމް އަތުން ނެންގެވި ކަމަށް ވިދާޅުވާ 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމަށް ޙަވާލު ކުރުމުގެ ކަންކަމުގައި އުޅެފައިވާނެ ކަމަށް ހެކިބަސް ދީފައެވެ.
މިމައްސަލާގައި ދައުލަތުން ހެކިވެރިންގެ ގޮތުގައި ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.