އެއްޖިންސުން ގުޅުންހިންގި ކަމުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 40 ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
އަލަމްގީރްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް މި 40 ދައުވާ އުފުލާފައިވާއިރު އެއްޖިންސުން ގުޅުންހިންގި ކަމަށް އިއުތިރާފުވެފައި ވާތީ، އޭނާ މިހާރު އަންނަނީ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
އަލަމްގީރާއެކު ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުންހިންގި ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާއިރު، އެއްޖިންސުން ގުޅުންހިންގިކަމަށް މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ.
މި ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ، މައްސަލަ ސާބިތުވާ މީހާއަށް އެންމެ ބޮޑު އަދަބަކަށްވެސް އަންނާނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ފުރުސަތު އޮންނާނެއެވެ.