ޕްރްސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަކީ އެމަގާމުގައި ހުންނަވަން އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިފަދައިން ވިދާޅުވީ، އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ އަދަބު ކުޑަކުރުމަށް ޕީޖީ އޮފީހުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަން ހާމަވުމާއި ގުޅިގެންނެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން 7 މަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދިފައިވާ ގޮތާއި ޚިލާފަށް ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އުސޫލުގެދަށުން ފަނޑިޔާރަށް ލިބޭ އިހުތިޔާރު ބޭނުންކޮށްގެން 1 އަހަރާއި 1 މަހަށް އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
އެމައްސަލަ ޕީޖީން ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައިވާތީ، ޝެއިޚް ޒައިދު ވަނީ ޕީޖީ ހުސެއިން ޝަމީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލްއަކީ އެމަގާމުގައި ބަހައްޓަން އެއްގޮތަކަށްވެސް އެކަށީގެންވާ ބޭފުޅެއް ނޫންލަން ހާމަވަމުންދާ ކަމަށެވެ. އަދި އެގާމުގައި ހުންނަވައިގެން ޖަރީމާ ހިންގަވާ ކަމަށްވެސް ޝެއިޚް ތުހުމަތުކުރެއްވިއެވެ.
އަދި ޝެއިޚް ޒައިދު ވަނީ ޕީޖީގެ ބިރުވެރިކަމެއް ނެތްތާންގައި ލަދުވެތިކަމެއް ވެސް ނެތީތޯ އައްސަވައި ސުވާލު އަމާޒުކުރައްވާފައެވެ.
ރަފީއުގެ މައްސަލަ އިސްތިއުނާފްކުރަން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ވަނީ އޭނާވެސް ޖަލަށް ލުމަށް އެދިފައެވެ.
ކްރިމިނަލް ކޯޓުން އޭނާ 3 މަސް ދުވަހަށް ގޭބަންދު ކުރުމަށް ހުކުމްކުރި ނަމަވެސް ދައުލަތުން އެމައްސަލަ މިހާތަނަށް އިސްތިއުނާފް ކޮށްފައެއް ނުވެއެވެ.