ޖަޕާނުގެ ޓްރެވަލް ޓްރޭޑް އަދި ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޓޫރިޒަމް އެކްސްޕޯ ޖަޕާނުގައި ބައިވެރިވެއްޖެއެވެ.
މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން އެމްއެމްޕީއާރުސީން ޖަޕާނުގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ބައިވެރިވާ ފުރަތަމަ އިން-ޕާސަން ހަރަކާތެވެ.
މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25ވަނަ ދުވަހުގެ ނިޔަލަށް ޓޯކިޔޯ ބިގް ސައިޓްގައެވެ.
އެމްއެމްޕީއާރުސީން ބުނީ، ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ހަރަކާތްކަމަށްވާ މިފެއާއަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތައް އެއްތަނުން ބައްދަލުކޮށް، ވިޔަފާރީގެ އެކިމުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާ ހަރަކާތެއް ކަމަށެވެ.
މި ފެއާގައި އެމްއެމްޕީއާރުސީ އިން ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާއި ބައްދުލުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މައުލޫމާތު ހިއްސާކުރާނެއެވެ.
މީގެ އިތުރުން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން ސޯޝަލް މީޑިއާ ކޮންޓެސްޓްތަކާއި، ކުއިޒްތައް ބާއްވާ މި ހަރާކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު ހަދިޔާތައް ދެވޭނެ ކަމަށް ވެސް އެންއެމްޕީއާރުސީން ބުނެއެވެ.
މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައި ވަނީ ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ގޮތަށެވެ.
މި ފެއާގައި އެމްއެމްޕީއާރުސީއާ އެކު އިންޑަސްޓްރީގެ 6 ކުންފުންޏަކުން 12 މަންދޫބުން ބައިވެރިވެއެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި އެއް މާކެޓު ކަމަށް ވާއިރު 2019 ވަނަ އަހަރު ޖަޕާން އޮތީ ރާއްޖެއަށް 9 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓްގެ ގޮތުގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ބަންދުކޮށްފައި އޮތް ޖަޕާން މިފަހުން ހުޅުވާލާފައިވާއިރު އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުން ޖުމްލަ 2،909 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮއްފައިވެއެވެ.
އެމްއެމްޕީއާރުސީ އިން ވަނީ ކޮވިޑް-19 ގެ ދުވަސްވަރުގައި ވެސް ހުއްޓުމެއްނެތި ޖަޕާނުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން ޓްރެވަލް ޓްރޭޑް އަދި މީޑިއާގެ ލީޑިންގ ޕާޓްނަރުންނާއެކު ޑިޖިޓަލް ކެމްޕޭންތައް ކުރިއަށް ގެންގޮސް ޖަޕާނުގެ ޓްރެވަލް އޭޖެންޓުންނަށް ޑެސްޓިނޭޝަން އިންފޮމޭޝަން ވެބިނާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.