ރާއްޖޭގައި މުދަލުޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެމިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 5777.45 ކަމަށެެވެ.

މުދަލުޒަކާތް ވާޖިބުވާ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އޭރު މުދަލުޒަކާތް ވާޖިބުވާ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 6396.25 ރުފިޔާ އެވެ.

މުދަލު ޒަކާތް ބަލައިގަތުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވަނީ ބަދަލުކޮށްފައެވެ. އޭގެ ކުރިން މުދަލު ޒަކާތް ބަލައިގަތުން ކުރިއަށްދިޔައީ އިސްލާމިކް މިނިސްޓްރީންނެވެ.

މިއަހަރުގެ ފުރަތަމަ 8 މަސްދުވަސްތެރޭ މުދަލުގެ ޒަކާތުގެގޮތުގައި ވަނީ 64 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 25.8 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 51 މިލިއަން ރުފިޔާއެވެ.

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް ލިބިދޭ ދީނީ ޙައްޤެކެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މައިގަނޑު ތިން ޝަރުތެއް ހަމަވުމުންނެވެ. އެއީ މުދަލުގެ ނިސާބު ހަމަވުމާއި، ނިސާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، އެއްއަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމެވެ.

ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިސާބަށް ޖެހޭ އަދަދަށް ބަދަލު މީހެއްގެ އަތުގައި ހުރި މުދަލުގެ ނިސާބު ހަމަވެ، ނިސާބަށްވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއްއަހަރު ވެއްޖެ ނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތް ބަހަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގައެވެ.