ދޮގު ޚަބަރުތައް ފަތުރައިގެން، އެފަދަ ޚަބަރުތަކުން ކޯލިޝަން ބައިބައިކޮށް ބަލި ކުރެވޭނެކަމަށް ޤަބޫލު ކުރުމަކީ ކުށްހީއެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެެވެ.

އިދިކޮޅުން މިހެން ބުނެފައި ވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ގުޅޭގޮތުން "ދެންމެ" ކިޔާ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެނޫހުން ޝާއިއުކޮށްފައިވާ ހަބަރުގައި ވަނީ، އިދިކޮޅު ކޯލިޝަންގެ ލީޑަރ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް، އަބުދުއްރަހީމްގެ އިތުބާރު ގެއްލި ޕާޓީގެ ލީޑަރސިޕުން އެކަހެރިކޮށްފައިވާކަމަށް ބުނެފައެވެ.

މި ހަބަރު ދޮގުކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ، އެ ނޫހުގައި ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް އެކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޕީއެންސީ އޮތީ ރައީސް ޢަބްދުﷲ ޔާމީން އާއެކު ވަރަށް ބަދަހިކޮށްކަމަށެވެ.

ބަޔާނުގައި ބުނީ، ޕީއެންސީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާއެކު ކުރުންކަމަށެވެ. ކަންމިހެން އޮއްވާ، އެފަދަ ޙަޤީޤަތެއް ނެތް ބޭކާރު ވާހަކަތަކުން ޕާޓިގެ ލީޑަރޝިޕް ބައިބައިކޮށް ޕާޓީ ބަލިކޮށްލެވިދާނެކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއްކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ، މިވަގުތުވެސް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ހުންނެވީ ރައީސް ޔާމީންގެ ޚާއްޞަ މަސައްކަތްތެއްގައި ލ. އަތޮޅުގައިކަމަށާއި، ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުން ތާކު ނުޖެހޭ މަސައްކަތެއް ކަމުގައެވެ.

އެހެންކަމުން އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.