ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ނިސްބަތްކޮށް ކުޑައިމީސް ބަހެއް ބުނުމަކީ ލަދުވެތިކަމެއް ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ވީޓީވީ ގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިނިމަމް ވޭޖުގެ ބިލަށް ބަހުސްކުރައްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މަސްވެރިންނަށް ހަމަ އަގު ނުލިބެނީ ފިޝަރީޒް މިނިސްޓްރީ ޖުމްހޫރީ ޕާޓީގެ ސްލޮޓަކަށް ނިސްބަތްވާތީ ކަމަށް ވިދާޅުވެފައެވެ.
މެމްބަރު ސައީދަކީ މީގެކުރިން ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ކުރައްވައި އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ ޕާޓިގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
ސައީދުގެ ވާހަކަތަކާއި ގުޅިގެން އަޒްލީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދައްކަވާ ވާހަކަތަކަކީ ހާއްސަ އިމްތިޔާޒްތަކެއްގެ ތެރެއިން ދައްކަވާ ވާހަކަތަކެއް ކަމަށައި އެވާޙަކަތަކަށް ރައްދު ދިނުމުގެ ބޭނުމެއް ހަގިގަތުގައި ނެތް ކަމަށެވެ.
އެހެންނަމަވެސް، ގާސިމް އިބްރާހީމއަށް ނިސްބަތްކޮށް ސިޔާސީ އެއްވެސް ބޭފުޅަކު ވާހަކަދެއްކެވުމަކީ ލަދުވެތިކަމެއް ކަމަށާއި، އެކަކު އަނެކަކުގެ އަބުރުކަތިލައި މީހުންގެ އަގުވެއްޓޭގޮތަށް ވާޙަކަދެއްކެވުމަކީ ސިޔާސީގޮތުން ކުފޫ ހަމަވާ އެއްވެސް ބޭފުޅަކު ކުރައްވާނެ ކަމެއް ނޫންކަމަށް އަޒްލީން ވިދާޅުވިއެވެ.
މީގެއިތުރުން އަޒްލީން ވިދާޅުވީ. ޑރ. ހުސެއިން ރަޝީދު ހަސަންއަކީ އެމަނިކުފާނުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ގާބިލް ބޭފުޅެއް ކަމަށާއި، މަސްވެރިންނަށް ހަމައަގު ހޯދައި ނުދެވުމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ދިމާވި ކަމެއް ނޫން ކަމަށެވެ.
އަޒްލީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ނުވަތަ ގަސިމް އިބްރާހީމަށް ނިސްބަތްކޮށް އެޒާތުގެ ވާހަކަދެއްކެވޭ ވަރުގެ ބޭފުޅަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި ނެތް ކަމަށެވެ.