ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރުގެ ޖޫން މަހު އިފްތިތާހުކުރި ފެހި ޕްރޮޖެކްޓް ލިބޭ ރަށްތައް އިއުލާންކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އިފްތިތާހު ކުރި ޕްރޮޖެކްޓެކެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި ތައާރަފްކުރި ބީއެމްއެލް ފެހި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ކޮންމެ އަހަރަކު 5 ރަށެއް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން 2022 ވަނަ އަހަރު ފެހި ޕްރޮޖެކްޓްގެ ދަށުން ހޮވުނު 5 ރަށަކީ:

  1. ނ. މާފަރު
  2. ޅ. ހިންނަވަރު
  3. މ. ދިއްގަރު
  4. ތ. ގުރައިދޫ
  5. ގދ. ގައްދޫ

މި ޕްރޮޖެކްޓްގެ ދަށުން ހޮވުނު ރަށްތަކަށް ރާއްޖޭގައި ހިންގާ ނާސަރީތަކުން ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެކަމަށްވެސް އެބޭންކުން ބުނެއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.