ބޮމެއް އޮތް ކަމަށް ބުނެގެން ގަން އެއާޕޯޓުން ހައްޔަރުކުރި އުމުރުން ދުވަސްވީ ދިވެހި ދެމީހުން ދޫކޮށްލައިފިއެވެ.

މިކަމާގުޅިގެން "ވީނިއުސް"އަށް މައޫލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލުން ވިދާޅުވީ މި ދެ މީހުން މިއަދު ދޫކޮށްލާފައިވީ ނަމަވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސްހުރި މީހަކު ބޮމެއް އޮތްކަމަށް ބުނި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރީ އިއްޔެ ހަވީރު 17:25 ހާއިރުއެވެ.

އަދި މި މައުލޫމާތު ލިބުމުން އެމްއެންޑީއެފްއާ އެކަން ހިއްސާކުރި ކަމަށާއި، އެމްއެންޑީއެފް އިން އެމީހުން ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައި ނުވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 58 އަަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.