މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމް ހިނގަމުންދާގޮތުގެ ތަފްސީލް ހާމަކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 68 ވަނަ ރަސްމީ އާއްމު ޖަލްސާގައި މި ތަފްސީލްތައް ހާމަކޮށްދެއްވާފައިވަނީ ކައުންސިލްގެ ގަސް ކޮމެޓީގެ މެމްބަރު އަދި މާލެ ސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެޖެޓިވް އަހުމަދު ޝަރީފްއެވެ.

ގަސް ކޮމެޓީގެ ފަރާތުން މި މަޢުލޫމާތުތައް ހާމަކުރައްވަމުން އަހުމަދު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި، އަމާޒަކީ މާލެތެރެ ފެހިކުރުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށްޓަކައި ހިމެނިފައިވާ އިތުރު ކަންކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ޕްރޮގްރާމަށް އިތުރުކުރި ކަންކަމުގެ ތެރޭގައި ރާއްޖެއިން ލިބެން ނެތް ގަސްތައް ބޭރު ޤައުމުތަކުން ގެނައުމާއި، ރާއްޖެއިން އުވެމުންދާ ބައެއްކަހަލަ ގަސްތައް ދިރުވާ އާލާކުރުމުގެ އިތުރުން، ގަސް އިންދާހެއްދުމަށް ބޭނުންވާ ބާވަތްތައް ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުމާއި، ގަސްތައް ބެހެއްޓުމަށް ހެދިފައިވާ ނާސަރީތައް ތަރައްޤީކުރުން ހިމެނެއެވެ.

މި ގަސްތައް ގެނެސް ބެހެއްޓުމަށްޓަކައި މިހާރުވެސް ކާނިވާ ސަރަޙައްދުގައި އަދި ތައިސޭކޮށީގައި 2 ނާސަރީ ހެދިފައިވާ ކަމަށާއި، ވިލިމާލޭގައި އަދި ހުޅުމާލޭގައިވެސް އިތުރު ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމުގައި ކޮމެޓީގެ ފަރާތުން އަހުމަދު ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ޕްރޮގްރާމާއި ގުޅޭ އިދާރީ ކަންކަން ކުރުމަށްޓަކައި ޕްރޮޖެކްޓް އޮފީހެއްވެސް ޤާއިމް ކުރެވިފައިވާ ކަމަށާއި، މިކަމަށްބޭނުންވާ ވެލި ތައްޔާރުކުރުންވެސް ކުރިއަށްދާކަމުގައި އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިޔާލިބޭ ބޮޑެތި ގަސްތައް ވަނީ އިންދާފަވާއިރު މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ގަސް ޕްރޮޖެކްޓް ކޮމެޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުالله ނާސީރު ވިދާޅުވީ ގަސްމުށިތަކުގައި އިޝްތިހާރާއި ކައުންސިލާއި ގުޅޭ މުހިންމު މަޢުލޫމާތު ޖެހުމަށް ޑިޖިޓަލް ސްކްރީން ހަރުކުރެވިފައިވާނެ ކަމަށެވެ

ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމްގެ ދަށުން އިންދަން ހަމަޖެހިފައިވާ 65 އިންސައްތަ ގަހަކީ އަނބުގަހެވެ. އަދި ބާކީ 35 އިންސައްތައިގެ ތެރޭގައި ސައްކެޔޮގަސް ހިތިގަސް އަދި ދަނބުގަސް ފަދަ ގަސް ހިމެނޭ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.