ދޯނި ފަހަރުތަކުގައި މަސް ފިނިކުރެވޭނެ ނިޒާމު މުސްތަގުބަލުގައި އިތުރަށް ފުޅާކުރެވިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިފްކޯއިން ހިނގަމުން އަންނަ ބައެއް އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނާ މަސް ފިނިކުރުމުގެ އަސާސީ ބޭނުމަކީ މަހުގެ ކޮލެޓީ ހިފެހެއްޓުން ކަމަށާއި މަސް ފިނިކޮށް ބެހެއްޓޭނެ ގޮތެއްގެ ގޮތުގައި ޒަމާނުއްސުރެ ދިވެހިން ދެކޭ ގޮތަކީ އައިސް އެޅުން ކަމަށެވެ.

ދެކެނުގެ މަސްވެރިން މޫދު ލޮނު ފިނިކޮށްގެން މަސް ފިނިކުރުމުގެ ނިޒާމެއް މިހާރު ގެންގުޅޭކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މުސްތަގުބަލުގައި މި ނިޒާމު ފުޅާވެގެންދާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައި ތަޢާރަފްކުރެވޭ ތިން ސްކީމެއްގެ ދަށުން އިތުރު ދޯނިފަހަރުގަ ފިނިކުރެވޭ ނިޒާމު ހަރުކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ނަތީޖާއަކަށްވާނީ ދޯނިފަހަރުން އައިސް ހޯދަން ކުރާ ދަތުރުނުކޮށް އެ ބައެއްގެ ދޯނީގަ ހުރި ކެޕޭސިޓީއާ އެއްވަރަށް އެ ބަޔަކަށް މަސް ފިނިކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުން. މިހެން ދެންނެވިޔަސް އަދިވެސް އައިސް ޕްލާންޓް އަޅަން ޖެހޭ ތަންތަން އެބަހުރި. އިތުރު އައިސްޕްލާންޓް އެޅުމުގެ މަސައްކަތް އެބަކުރަން. މުސްތަގުބަލުގެ ބޭނުންތަކަށްޓަކައި އިތުރު އައިސް އުފައްދަން ނުވަތަ ވަކި ސަރަހައްދެއްގަ އައިސް ކެޕޭސިޓީ ބޮޑުކުރަން ފެންނަންޏާ އެކަން ކުރެވޭނެ."
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން

މިނިސްޓަރ ވިދާޅުވީ އައިސްޕްލާންޓްތައް އަޅަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަމަށާއި ޚާއްސަ އިސްކަމެއްދޭނީ އާންމު ގޮތެއްގައި އައިސް ބޭނުންވާ ސަރަހައްދުތަކަށް ކަމަށެވެ.

އެގޮތުން މިނިސްޓަރު ވަނީ ދެކުނުގެ މަސްވެރިކަމަކީ ވަރަށް ތިއާގި މަސްވެރި ކަމެއް ކަމަށާއި އެހެންކަމުން އެ ސަރަހައްދުގައި އައިސް ލިބޭނެގޮތް އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި އައިސް ޕްލާންޓްތައް ބަދަލުކުރުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހްމަދު ސައީދު މުހައްމަދުއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ.

މިފްކޯއިން ހިންގަމުން އައި އައިސް ޕްލާންޓްތަކުގެ ތެރެއިން 13 ޕްލާންޓް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ މިހާރު ވަނީ ހަވާލުކޮށްފައެވެ.