އެތައް އަހަރަކަށް ފަހު މާޅޮސްމަޑުލު އުތުރުބުރީ ވާދޫގައި އިމާރާތްކުރި އައު ހުކުރު މިސްކިތުގެ ފައިނަލް އިސްޕެކްޝަން ނިމި ހުޅުވަން ތައްޔާރުވެއްޖެއެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރި މިސްކިތް ހުޅުވަން ނިންމާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް "ވީނިއުސް"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރ. ވާދޫގައި އެންމެ ފުރަތަމަ ހުކުރު މިސްކިތެއް ބިނާކުރީ ވާދޫ ރައްޔިތުންގެ އިސްނެގުމުގެ މަތިން 1977 ވަނަ އަހަރުގައެވެ. އެއަށް ފަހު، މިސްކިތް ކުޑަވެގެން ހަމަ އެތަނުގައި ސަރުކާރުން ހޭދަކޮށްގެން އަލުން މިސްކިތެއް އިމާރާތް ކުރިއެވެ. މިއަދު ވާދޫން ފެންނަ ހުރި ހުުކުރު މިސްކިތަކީ މަސްޖިދުލް ޝަރީފަށް ފަހު، އިމާރާތްކުރެވުނު މަސްޖިދުލް ސަމާހާއެވެ.

ވާދޫގައި މިސްކިތެއް އަޅައިދިނުމަށް 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވައުދުވިއެވެ. ނަމަވެސް، އޭރު މިސްކިތެއް އެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިއެއް ނުވެއެވެ.

މި ސަރުކާރުން ވާދޫގައި ބިނާކުރި ހުކުރު މިސްކިތަށް ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެތި، "މަސްޖިދުލް އަލިކިލޭގެފާނު"ގެ ނަން ދިނުމަށް ޕީޕީއެމްގެ ކައުންސިލަރުން ތިއްބަވާ ވާދޫ ކައުންސިލުން ނިންމާފައި ވާތީ ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ކައުންސިލުން މިހާރު ފާސްކޮށްފައިވާ ނަން ނިސްބަތް ވަނީ ވާދޫ ކައުންސިލްގެ ރައީސްގެ ކާފާފުޅު ޢަލީ ޔޫސުފަށެވެ.

ވާދޫގެ ދެކުނު އަވަށުގައި މީހުން އާބާދުވީން ސުރެ، އެ ސަރަހައްދުގައި މިސްކިތެއް ނެތުމުގެ ޝަކުވާ އާންމުން ކުރެއެވެ. ހާއްސަކޮށް ވިއްސާރަ ދުވަސްވަރު މާ ދުރުގައި ހުންނަ މިސްކިތަކަށް ދާންޖެހުމުން އާންމުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

އަލަށް ބިނާކުރި މިސްކިތް ހުންނަނީ ވާދޫ ދެކުނު އަވަށުގައެވެ.