މާލޭ ސިޓީ ކައުންސިލް އުފެއްދީ ނިކަމެތިންނަށް އަނިޔާވެރިވާކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެެއެވެ.

މެމްބަރު ރޮޒައިނާ މިފަދައިން ވިދާޅުވީ މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއިއެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އާނުކުރަން އެކައުންސިލުން ނިންމުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އޮތުމުން އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވަމުންނެވެ.

މިމައްސަލައި ޕީޕީއެމްގެ މެޖޯރިޓީއެއް އޮންނަ ސިޓީ ކައުންސިލަށް ފާޑުވިދާޅުވަމުން އެކަމަނާ ވިދާޅުވީ ސިޓީ ކައުންސިލް އުފެއްދީ މިގޮތަށް ނިކަމެތި އަންހެނުންނާ ދޭތެރޭ އަނިޔާވެރިވާކަށް ނޫން ކަމަށެވެ. އަދި "ކޮންމެ ކަމެއްގައިވެސް އެންމެ ނިކަމެތި ހާލުގައި އުޅޭ އަންހެނުންނަށް ޓާގެޓް ކުރަނީ ކޮން މޮޅެއް ހޯދަންތޯ؟" ވިދާޅުވެ އޭނާ ސުވާލު އުފެއްދެވިއެވެ.

މާލޭ ސަރަހައްދުގެ ކުނި ނަގަން ވެމްކޯއާއި އެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އެހިދުމަތް ސީދާ ކައުންސިލުން ދޭ ގޮތަށް ނިންމީ މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި 12 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި ނިންމުން ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 66 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާއިރު، ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަސައްކަތަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ޚަރަދު ކުރަމުންދާއިރު، މަގުމަތީގައި ބަހައްޓާފައިވާ ކުނިތައް ގިނަވެ، މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ވެހިކަލްތަކަށް އެކަމުގެ އުނދަގޫވާ ފޯރައި، އެފަދަ ކުނިތައް މަގުމަތިން ނެގުން ލަސްވަމުންދިއުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ކައުންސިލަށް ހުށަހަޅާ ކަމަށެވެ. މި ޝަކުވާތައް އަންނަނީ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ވެމްކޯ އަށް ނުކުރެވޭތީކަމަށް އެ ކައުންސިލުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެެ.

މިއާއެކު މާލެއާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި އާންމު ތަންތަން ކުނިކަހައި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް، މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަނަކީ އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހަދާ، މިއީ ނަމޫނާ ސިޓީއެއްގެ ގޮތުގައި ހެދުމުގެ މަގްސަދުގައި ވެމްކޯ އާއިއެކު އެއްބަސްވުން އައުކުރަން ބޭނުން ނުވަނީކަން ހާމަކޮށްފައިވެއެވެ.

އަދި ސިޓީ ކައުންސިލުން މި މަސައްކަތާއި ހަވާލުވުމުން، މިހާރު މި މަސައްކަތަށް ހޭދަވާ ފައިސާ ކުޑަވާނެކަމަށް ހިސާބުތަކުން ދައްކާ ކަމަށާއި، މި މަސައްކަތް ސީދާ ކައުންސިލްގެ ބެލުމުގެ ދަށުން ކުރުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ފަސޭހަކަން ލިބިގެންދާނެ ކަމެއްކަމުގައި ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މާލެއާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަކީ އަބަދުވެސް މާލެ ސިޓީ ކައުންސިލުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް ކަމުގައި ވީހިނދު، އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށް މާލޭ ސިޓީ އަކީ ނަމޫނާ ސިޓީއެއްގެ ގޮތުގައި ހެދުމަށް އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގައި ސަރުކާރުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުން އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށެވެ.

މާލޭތެރެ ކުނިކެހުމަށް ވެމްކޯ އާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ނިންމާ އެކަމުގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ވެމްކޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވެމްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ ޚިދުމަތުގައި އިންތިޚާބުވެފައިވާ މަންދޫބުން ތަމްސީލްކުރާ ސިޓީ ކައުންސިލަކުން ސިޔާސީ ބޭނުމަކަށް ވެމްކޯގެ ޚިދުމަތުގެ ހަގީގަތް އޮޅޭނެފަދަ އިބާރާތުން، އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ކުންފުންޏެއްގެ ނަން ކިލަނބުވާނެ ފަދަ މޭރުމަކުން ދެއްކި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ވެމްކޯއިން ވަނީ އެކޯޕަރޭޝަންގެ ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި އެތައް މުވައްޒަފެއްގެ ވަޒީފާގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާކަން ފާހަގަކޮށްފައެވެ.

މިހާރަށް ވުރެ ހަރުދަނާ އުސޫލަކުން ފޯރުކޮށްދޭންޖެހޭ ކުނި ނަގާ އުކާލަދިނުމާއި، ސާފުކުރުމުގެ އެންމެހާ ޚިދުމަތްތައް ދިނުމުގައި ސާބިތު ކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދޭކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަނާއި ޕާކުތަކާއި މައިޒާންތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ވެމްކޯ އާއި ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއް ހަދާފައިވަނި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.