މަޤާމަށް އައްޔަންކުރެވުނުތާ ހަތް އަހަރަށް ފަހު ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން ފާތިމަތު ރަޒީނާ އިސްތިޢުފާދެއްވައިފިއެވެ.

ފާތިމަތު ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ އިސްތިޢުފާދެއްވީ މަގާމުގެ މަސްޢޫލިއްޔަތު އަދާކުރައްވަމުން ގެންދަވާތާ 7 އަހަރާއި 2 މަހާއި ދުވަސްކޮޅެއް ފަހުންނެވެ.

މި މުއްދަތާ ހަމައަށް ބަލާ ނަމަ ރަޒީނާއަކީ 20 އަހަރަށް ވުރެން ގިނަ ދުވަހު ދަޢުލަތަށް ޚިދުމަތްކުރައްވާފައިވާ ބޭކަނބެލެކެވެ.

އެކަމަނާއާ ހަވާލާދީ އިތުބާރުހިފޭ ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގެ ތެރޭގައި އެމަގާމުން ވަކިވެވަޑައިގަތީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޕީއެޗްޑީ ނެންގެވުމުގެ މަޤުސަދުގައެވެ. ރަޒީނާ ޕީއެޗްޑީ ހައްދަވަނީ އެކަމަނާ މަަސައްކަތް ކުރެއްވި ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިންނެވެ.

ރަޒިނާ އަދާކުރެއްވި ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަކީ ދައުލަތުގެ ފައިސާ އާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމަށް ހާއްސަކޮށްފައިވާ މަގާމެކެވެ. އަދި ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމަކީ މިމަގާމުގައި ހުންނަވާ ބޭފުޅަކު އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތެކެވެ.

ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމާއި ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް އޮޑިޓަ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށް އެ ހިސާބުތައް މިނިސްޓަރަށް ހުށަހެޅުމަކީވެސް މި މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާއެކެވެ.

ދައުލަތަށް ލިބޭ އާމްދަނީ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްކުރުމަކީވެސް ފައިނޭންޝަލް ކޮންޓްރޯލަރު އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތެކެވެ.