ގިނަ އަދަދެއްގެ ފިރިހެނުންނާއެކު ރާއްޖޭގައި ހުރެގެން އެއްޖިންސުން ގުޅުންހިންގި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ 40 ދައުވާއާ ގުޅިގެން ހުކުމްކުރުން އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.
އަލްމްގީރުގެ މައްޗަށް އުފުލާފައިވާ އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއަށް އޭނާ ވަނީ އިއްޔެ ބޭއްވި އަޑުއެހުމުގައި އިއުތިރާފްވެފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ 40 ދައުވާއަށްވެސް އޭނާ އިއުތިރާފް ވެފައިވާތީ މި މައްސަލާގައި ދެން އޮންނާނީ އަވަސް ނިޔާއިން މައްސަލަ ނިންމުން ކަމަށެވެ. ކުށުގެ އަދަބަކީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއް ކަމުން 40 ދައުވާއަށް ޖުމްލަ 1،080 ދުވަހުގެ ޖަލު ހުކުމެއް އަލްމްގީރުގެ މައްޗަށް އަންނާނެއެވެ.
ދައުލަތުން އަލަމްގީރުގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ 3 ދައުވާއަށް އޭނާ މިހާރުވެސް އަންނަނީ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މި 3 ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފު ވެފައެވެ.
އަލަމްގީރްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
އަލަމްގީރާއެކު ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުންހިންގި ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާއިރު، އެއްޖިންސުން ގުޅުންހިންގިކަމަށް މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށްވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ.
މި ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ، މައްސަލަ ސާބިތުވާ މީހާއަށް އެންމެ ބޮޑު އަދަބަކަށްވެސް އަންނާނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ފުރުސަތު އޮންނާނެއެވެ.