ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމުގައި އެންމެންގެ ހެކިބަސް ނަގައި ނިމިއްޖެއެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ހެކިވެރިންގެ ތެރެއިން މިއަދު ވަނީ ކުރީގެ އިކޮނިމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ގެ ހެކިބަސް ނަގާފައެވެ.

ދިފާއީ ހެކިންގެ ގޮތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ އިތުރުން އަބްދުﷲ ރަޝީދު ކިޔާ މީހެއްގެ ހެކިބަސްވެސް ނަގާފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ހިމެނެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ބޭއްވުމަށްފަހު ހުލާސާ ބަޔާން ހުށައަޅަން އަޑުއެހުމެއް ބޭއްވުމަށް އެދިފައެވެ. ދައުލަތުގެ އެދުމާ އެއްގޮތަށް މައްސަލަ ބައްލަވާ ގާޒީވެސް ވަނީ ވަކި 2 އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ. އެގޮތުން ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަންނަ ބުރާސްފަތި ދުވަހަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފައެވެ.

މިމައްސަލާގައި ދެން ބާކީ އޮންނާނީ 2 އަޑުއެހުމެވެ. ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމަށްފަހު ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުމެވެ. ބެލެވޭ ގޮތުގައި މިމައްސަލައިގެ ހުކުމް ކުރުން އަންނަ މަހު އޮންނާނެއެވެ.