ހުޅުމާލޭ އުތުރު އަވަށުން ގެއްލިގެން ހޯދަމުން އަންނަ މުޙައްމަދު އަޛުހާން އެންމެ ފަހުން ފެނިފައި ވަނީ ހުދު ކާރަކަށް އަރައިގެން ދަނިކޮށް ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.
އެއިދާރާއިން ބުނީ ހުޅުމާލެ ފޭސް ދޭކުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެރާކީ ކެފޭގައި ބަރިސްޓާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 27 އަހަރުގެ އަޛުހާން، ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ ދިރިއުޅެމުން އައީ ހިޔާ ޓަވަރުގެ ފްލެޓެއްގައި އާއިލާއާ އެކުގައެވެ. އެކަމަކު، އޭނާ ގެއިން ނުކުމެގެން ދިޔަ ތަނެއް މިހާތަނަށް އައިއިރު ހޯދިފައެއް ނުވެއެވެ.
ހ. ބޮނޑިކަނދޮޅުގެ، މާލެއަށް ނިސްބަތްވާ އަޛުހާން ގެއްލިގެން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްުގެ ފަހުގެ އަދާހަމަ ހިއްސާކުރަމުން ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މުޙައްމަދު އަޛުހާން އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިންނެވެ.
އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 4:53 ހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.
އަޛުހާން އަދި ހިޔާ ފްލެޓް ސަރަހައްދުން ފޮޓޯއިން ފެންނަ ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާ ކަމަށް ބެލެވޭ ނަމަ ޑްރައިވަރު އެކަން ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުަައްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.