ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މުލަކުގައި ހިންގައިފިއެވެ.

ފުލުހުން ބުނީ މ.މުލަކު ޕޮލިސް ސްޓޭޝަނާއި މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މ.އަތޮޅު ގޮތްފިގުޅިގެން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރި ކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މުލަކުގައި ހިންގާފައިވާ ކަމަށެވެ.

މިމަހު 23 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގައި ގެވެށި ގުޅުމަކީ ކޮބައިކަމާއި ގެވެށި އަނިޔާއަކީ ކޮބައިކަމާއި، ގެވެށި އަނިޔާގެ ހާލަތުގެ އިތުރުން ގެވެށި އަނިޔާއާމެދު ކުރެވިފައިވާ ބައެއް ކުށްހީތައް ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ގެވެށި އަނިޔާ މުޖްތަމައު ތެރޭގައި އާންމުވަމުންދާ މިންވަރާއި ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާއި ގެވެށި ގުޅުމަކީ ކޮބައިކަމާ ގެވެށި ގުޅުމެއްގައި ހިމެނޭ ފަރާތްތަކަކީ ކޮބައިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަމާއި، އަނިޔާކުރުމަށް މަގުފަހިވާ ސަބަބުތަކާއި، އަނިޔާގެ އަމަލުތައް ހިނގަމުންދާ ގޮތާއި އަދި އަނިޔާކުރާ ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން އަނިޔާ ލިބޭ ފަރާތްތައް ކޮންޓްރޯލްކޮށް، އަނިޔާކުރުމުގައި ދެމިހުންނަ ސަބަބުތަކާއި، އަނިޔާގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، އަނިޔާގެ އަމަލެއް ހިނގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ހިއްސާކޮށްފަވާއިރު އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ރައްކާތެރިވުމުގެ އަމުރުގެ މުހިންމުކަމާއި ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

މުލަކު ރައްޔިތުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 36 މީހުން ބައިވެރިވި ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.