މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވެނީ އެ ހުރިހާ މަހެއް ގަތުމަށް ބޭނުންވާ މިންވަރަށް ފެސިލިޓީ ގާއިމްވެފައިނުވާތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މަސް ފެކްޓްރީތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި މަސް ފިނިކުރުމަށް ދާއިމީ ހައްލެ ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާތީ އެކަމުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވުމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސް ނުގަތުމުގެ މައްސަލަ ކުރިމަތިވަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުން ފެށިގެން އެޕްރީލް މަހާއި ދޭތެރޭ ހިނގާ 7 މަސް ދުވަހުގެ މުއްދަތުގައި ކަމަށާއި އަދި އެދުވަސްވަރަކީ އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށެވެ.

އަދި އަހަރުގެ ބާކީ ހުރި ދުވަސްވަރުގައި މަސް ނުގަތުމުގެ މައްސަލަ ކުރިމަތިނުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަން އާދަޔާޚިލާފަށް ރަނގަޅުވާ ދުވަސްވަރުގައި މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވެނީ އެ ހުރިހާ މަހެއް ގަތުމަށް ބޭނުންވާ މިންވަރަށް މަސް ގަންނަ ފެސިލިޓީ ގާއިމްވެފައި އަދި ނުވާތީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ މިންވަރަށް ޝޯބޭސް އިންވެސްޓްމަންޓް މިހާތަނަށް ކޮށްފަނުވާތީ ނުވަތަ މަސް ގަންނަ ބޯޓު ފަހަރު އެ މިންވަރަށް ހޯދާފައިނުވާތީ. މަސް ނުގަނެވުމަކީ ރާއްޖޭގައި އަލަށް ދިމާވާ ކަމެއް ނޫން. މަސްވެރިކަން ރަނގަޅުވެ މަސް ގަންނަ ކުންފުނިތަކަށް ގަނެވޭ ވަރަށްވުރެ ގިނައިން މަސް ބާނާ އައިސް ނުލިބި މަސް ވިއްކުމަށް ގިނަ ވަގުތު ކިއުގަ ހޭދަވެ މަސް ކުނިވެ ކުނިވެފައިވާ މަސް ގަނެ އުކާލާފަ އެބަހުރި. ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚް މިކަމަށް ހެކިވާނެ."
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން

މިނިސްޓަރު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށްޓަކައި ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިކަމަށް ހައްލެއް ހޯދިފައިނުވާ ކަމަށެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ސައުދީ ފަންޑުގެ ލޯނުގެ ދަށުން ކޫއްޑޫގައި އިތުރު ހަތަރުހާސް ޓަނު އަދި ގދ. ތިނަދޫގައި އެއްހާސް ޓަނު، މ.މުލަކުގަ ފައްސަތޭކަ ޓަނުގެ ކޯލްޑް ސްޓޯރޭޖް ހަދައި ނިމުމުން މަސްވެރިންނަށް ދިމާވެފައިވާ މައްސަަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.