ވީޓީވީ ކަރޯކޭ ޗެލެންޖުގެ 4 ވަނަ ސީޒަން، ވީޓީވީ ކަރޯކޭ ޗެލެންޖު މާލޭ އެޑިޝަނުގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، އެފަރާތްތައް އިއުލާންކޮށްފިއެވެ.

އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާދިއްތަ ދުވަހުގެ ހަވީރު ސޮލައިޓު ރެސްޓޯރަންޓުގައެވެ.

ވީޓީވީ ކަރޯކޭ ޗެލެންޖު މާލޭ އެޑިޝަންގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ދެ ޕާޓްނަރަކާއެކު ވަނީ ސޮއިކޮށްފައެވެ. އެއީ ފްލެޕްސް އިންވެސްޓްމަންޓުގެ ސަބްސިޑަރީ އެއް ކަމުގައިވާ، ދިވެހިންގެ އިތުބާރު ހޯދާފައިވާ މޮޓްލީ ހާޑްވެއަރ އަދި ރާއްޖޭގެ އެންމެ ބޮޑު ރީބްރޯޑްކާސްޓަރ މީޑިއާނެޓުއެވެ. މީޑިއާ ނެޓަކީ ކަރޯކޭ ޗެލެންޖުގެ ސްޓްރީމިންގ ޕާޓްނަރުވެސް މެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / މޮޓްލީ ހާޑްވެއަރ- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

މެއިން ސްޕޮންސަރުންގެ ގޮތުގައި ސޮއިކުރި މޮޓްލީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އަޝްރަފް އެވެ. އަދި މެއިން ސްޕޮންސަރ / ސްޓްރީމިންގ ޕާޓްނަރު މީޑިއާނެޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވީޑިއޯ ކްލަބް އެންޑް ކޮންޓެންޓްގެ ފަރާތުން ޒިހުނީ ރަޝީދު އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / މީޑިއާނެޓް- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ކަރޯކޭ ޗެލެންޖުގެ މެއިން ސްޕޮންސަރ އަދި ސްޓްރީމިންގ ޕާޓްނަރަކަށް މީޑިއާނެޓް ހަމަޖެހިގެންދިއުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޒިހުނީ ވިދާޅުވީ، ވީޓީވީ މެދުވެރިކޮށް މީޑިއާނެޓަށް، ދިވެހިންގެ ހުނަރުތައް ގެނެސްދެވޭނެ މަގު ފެނިގެންދިއުމަކީ، މީޑިއާނެޓުން ނުހަނު އުފާކުރާ ކަމެއް ކަމަށެވެ. އަދި ލިބުނު މި ފުރުސަތުގައި ވީމީޑިއާ އާއިއެކު ބައިވެރިވެ، ހުނަރުވެރި ބައިވެރިންތަކަކާއި އެކު ކާމިޔާބު ޕްރޮގްރާމެއް ގެނެސްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޒިހުނީ ވިދާޅުވިއެވެ.

"ވީޑިއޯ ކުލަބުގެ ނަމުގައި މިދިޔަ އަހަރު އަޅުގަނޑުމެން ނެރުނު ޕްލެޓްފޯމްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ތިބި ހުނަރުވެރި ކުދިންތަކަށް ތަނަވަސް މަގުތަކެއް ފަހިކޮށްދިނުން. އެ ޕްލެޓްފޯމް ގާއިމްކޮށްދިނުން. އަޅުގަނޑުމެންނަށް އެބަ އެނގޭ ވަރަށް ޓެލެންޓެޑް ބަޔަކު އެބަ ތިބިކަން ރާއްޖޭގަ. އެ ޓެލެންޓް ދައްކާނެ ޕްލެޓްފޯމެއް ނެތީ. އެހެންތިއްބާ އަޅުގަނޑުމެންނަށް މިފެނުނީ ވީޓީވީ ކަރޯކޭ ޗެލެންޖުގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބުނުތަން. މި ލިބުނު ފުރުސަތަކީ އަޅުގަނޑުމެންނަށްވެސް ލިބުނު ބޮޑު ފަހުރެއް. ބޭނުންވަނީ ހުނަރުވެރި ދިވެހިންގެ ހުނަރުތައް ދައްކައިދެވޭނެ މަގު ކޮށާދޭން. ވީޑިއޯ ކްލަބް މެދުވެރިކޮށް މި ޕްރޮގްރާމް ބަލާލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި އުޅޭ މީހަކަށްވެސް ލިބޭނެ މިހާރު. ވީމީޑިއާ ކަހަލަ މީޑިއާ ހައުސް އަކާއިއެކު ކުރިއަށް ދިއުމަށް ލިބުނު ފުރުސަތު މިއީ އަޅުގަނޑު މެންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް".
މީޑިއާނެޓުގެ ވީޑިއޯ ކްލަބް އެންޑް ކޮންޓެންޓުގެ ފަރާތުން ޒިހުނީ ރަޝީދު

މީގެއިތުރުން ޗެލެންޖުގެ އެޕިސޯޑުތައް ޝޫޓު ކުރުމަށް ހަމަޖެހިފައިވާ ސޮލައިޓް އަކީ މި ޗެލެންޖުގެ ވެނިއު ޕާޓްނަރެވެ. ސޮލައިޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސޮލައިޓުގެ އެއް އޯނަރު ކަމަށްވާ، އަހްމަދު ޝިޔާމް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ސޮލައިޓް- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޝިޔާމް ވިދާޅުވީ، ސޮލައިޓަކީ ރާއްޖޭގެ ގިނަ ރެސްޓޯރަންޓު ތަކާއި ހިލާފަށް، ގިނަ ވަސީލަތްތަކެއް، ކަންކަން ކުރެވޭނެ ގިނަ ފެސިލިޓީތަކެއް ގާއިމްކޮށްފައިވާ ރެސްޓޯރަންޓެއް ކަމުން، އެ ފެސިލިޓީތަކުގެ އެންމެ ފުރިހަމަ ބޭނުން މި ޕްރޮގްރާމް މެދުވެރިކޮށް ހިފޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިފަދަ ކަންކަމަށް ސޮލައިޓުން އަބަދުވެސް މަރުޚަބާ ކިޔާނެކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"ވަރަށް އުފާކުރަން ވީޓީވީގެ ފަރާތުން އަޅުގަނޑުމެންނަށް މިފުރުސަތު ދިނީތީ. މިކަހަލަ ޕްރޮގްރާމްތަކަށް ނުވަތަ އިވެންޓްތަކަށް ސޮލައިޓުގެ ފަރާތުން އަބަދުވެސް މަރުޚަބާ ކިޔާނެ. މަދުވާނެ ކަންނޭނގެ މިކަހަލަ ފެސިލިޓީތަކާއި އެކު ހެދިފައިވާ ރެސްޓޯރަންޓުތައް މާލޭގަ. އެހެންވީމަ އަޅުގަނޑުމެންގެ ފެސިލިޓީތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެކަމަށް މިބަލަނީ މި ޕްރޮގްރާމުގެ ތެރެއިން".
ކަރޯކޭ ޗެލެންޖުގެ ވެނިއު ޕާޓްނަރު ސޮލައިޓުގެ ފަރާތުން އަހްމަދު ޝިޔާމް

ކަރޯކޭ ޗެލެންޖުގެ ކޭޓަރިންގ ޕާޓްނަރަކީ ސަމަރ ކެފޭއެވެ. އެ ކެފޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އައިޝަތު މުހައްމަދު އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ސަމަރ ކެފޭ- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ކަރޯކޭ ޗެލެންޖުގައި ބައިވެރިވާ ކޮންޓެސްޓެންޓުންގެ ފެނިލުން ރީތިކުރުމަށްޓަކައި، މޭކަޕް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ސްޓްއިލޯ ސެލޫންއެވެ. ސްޓައިލޯ ސެލޫން އަކީ މަޝްހޫރު ފްރެންޗައިސް ޝޯ، އައިޑަލްގެ ރާއްޖޭގެ އެޑިޝަން، މޯލްޑިވިއަން އައިޑޮލްގައިވެސް އެ ޝޯގެ ބައިވެރިންގެ މޭކަޕް ކުރި ފަރާތެވެ. ސްޓައިލޯ ސެލޫންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސެލޫންގެ އޯނަރު ފާތިމަތު ޝްރެޔާ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ސްޓައިލޯ ސެލޫން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ވީޓީވީ ކަރޯކޭ ޗެލެންޖާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޭކަޕް ޕާޓްނަރ، ސްޓައިލޯގެ ފަރާތުން ވާހަކަދައްކަވަމުން ޝްރެޔާ ވިދާޅުވީ، މިއީ ތަފާތު ޕްރޮޖެކްޓެއް ނަމަވެސް އުންމީދު ކުރައްވަނީ، މިއީ މަޖާ، ގިނަ އައު ތަޖުރިބާތަކެއް ލިބޭނެ ޕްރޮޖެކްޓަކަށް ވެގެންދާނެ ކަމަށެވެ. ޝްރެޔާގެ ބިސްނަސް ޕާޓްނަރު ޕާޓްނަރު ހައްވާ ޝާދިޔާ ވިދާޅުވީ، އެކި މިޒާޖުގެ އެކި ސްޓައިލްތަކަށް ލޯބިކުރާ ކުދިންތަކަކާއިއެކު މަސައްކަތް ކޮށްލަން ލިބުމުން އެކަމާ ނުހަނު އުފާ ކުރައްވާ ކަމަށާއި، ލިބުނު މި ފުރުސަތުގައި ސްޓައިލޯ ސެލޫންގެ ހުރިހާ އައުޓްލެޓެއްގައިވެސް މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ވީޓީވީ ކަރޯކޭ ޗެލެންޖު މާލޭ އެޑިޝަންގެ ކޮސްޓިއުމް ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރާ ދެ ފިހާރައެއް ކަމުގައިވާ ބްލޫބެރީ އެޓަޔަރ އާއި ހާފް ޕްރައިޒް އެވެ. ބްލޫބެރީ އެޓަޔަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއް އޯނަރު ކަމުގައިވާ ދިފްލާ އެވެ. އަދި ހާފް ޕްރައިޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފިހާރައިގެ އޯނަރު އަފްޒަލް ވަޖުދީ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ހާފް ޕްރައިޒް- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ވީނިއުސް އާއި ވާހަކަދައްކަވަމުން އަފްޒަލް ވިދާޅުވީ، މީގެކުރިންވެސް ވީޓީވީ އާއިއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، އެއީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ސްޕޮންސަރ ކޮށްފައިވާނީ ފިރިހެން ޖަޖުންގެ ކޮސްޓިއުމް ކަމަށާއި، ކޮސްޓިއުމް ސެލެކްޝަން ހަދާނީ އެ ޖަޖަކާ އެންމެ ގުޅޭގޮތަށް، މިފަދަ ޕްރޮގްރާމަކާއި އެކަށީގެންވާ ގޮތެއްގެ މަތިންކަމަށް އަފްޒަލް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ބައިވެރިވާ އަންހެން ލަވަކިޔުންތެރިންގެ ކޮސްޓިއުމް ސްޕޮންސަރ ކޮށްފައިވާ ބްލޫބެރީ އެޓަޔަރގެ ފަރާތުން ވާހަކަދައްކަވަމުން ދިފްލާ ވިދާޅުވީ، ލިބިގެން މިދިޔައީ އެ ބޭފުޅުންގެ އެންމެ އަގުހުރި މަސައްކަތްތައް ދައްކާލަން ރަނުގެ ފުރުސަތެއް ކަމަށާއި، މިފުރުސަތު ލިބުމުން ވީޓީވީ އަށް ހާއްސަ ޝުކުރެއް ދަންނަވަން ބޭނުންވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ބްލޫބެރީ އެޓަޔަރ- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

މީގެއިތުރުން ވީޓީވީ ކަރޯކޭ ޗެލެންޖުގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރި އޯލްޑް އިސް ގޯލްޑްގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ، މި ޕްރޮގްރާމަކީ ގިނަ ކުދިންތަކެއް ހިމެނިގެން، ވަރަށް ތަފާތު ޕްރޮގްރާމަކަށް ވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އޯލްޑް އިސް ގޯލްޑަކީ މިއުޒިކީ ފަންނު ރާއްޖޭގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރެއްވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / އޯލްޑް އިސް ގޯލްޑް- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް
"ވަރަށް ތަފާތު ޕްރޮގްރާމަކަށް މި ޕްރޮގްރާމް ވެގެންދާނެ. ގިނަ ކުދިންތަކެއް ބައިވެރިވެގެން، ހާއްސަކޮށް ގައުމުން ބޭރު ކުދިންތަކެއްވެސް މީގެތެރޭގައި އެބަ ހިމެނޭ. އޯލްޑް އިސް ގޯލްޑަކީ މިއުޒިކުގެ ވަރަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ހިންގާ، މި ފަންނު ކުރިއެރުވުމަށް އަބަދުވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ބައެއް. ވީޓީވީ އާއިއެކު ފެށި މި މަސައްކަތަކީ، ކާމިޔާބު، ޝައުގުވެރި ވަރަށް ރޭވުންތެރިކަމާއެކު ކުރިއަށްދާނެ ޕްރޮގްރާމަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް".
އެސޯސިއޭޓް ޕާޓްނަރު އޯލްޑް އިސް ގޯލްޑްގެ ފަރާތުން އަބްދުﷲ

ސްޕޮންސަރުން ނުވަތަ ވީޓީވީ ކަރޯކޭ ޗެލެންޖުގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ވީޓީވީގެ ފަރާތުން ސޮއިކުރެއްވީ ވީޓީވީގެ ޗީފް ކޮމާޝިއަލް އޮފިސަރ، އަހްމަދު އުމަރުއެވެ.

މީގެކުރިން ދަރަވަންދޫ، ކުޅުދުއްފުށި އަދި ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި އެޑިޝަންތަކުގެ ކާމިޔާބީއަށްފަހު، މިފަހަރުގެ ވީޓީވީ ކަރޯކޭ ޗެލެންޖް މި ބާއްވަނީ މާލޭ އެޑިޝަންގެ ނަމުގައެވެ. މި ޕްރޮގްރާމުގެ އޮޑިޝަން ރައުންޑް މިހާރު ނިމިފައިވާއިރު، ފުރަތަމަ ޝޯގައި ލަވަތައް ހުށަހަޅާނެ 20 ބައިވެރިން މިހާރު ވަނީ ޔަގީންވެފައެވެ.

ޕްރޮގްރާމް ދައްކަން ފަށާނީ މި ފެށޭ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.