ރާއްޖޭގައި ކަރޯކޭ އަށް ހާއްސަވެފައިވާ އެންމެ ބޮޑު ޕްލެޓްފޯމް، ވީޓީވީ ކަރޯކޭ ޗެލެންޖުގެ ހަތަރުވަނަ ސީޒަން، ވީޓީވީ ކަރޯކޭ ޗެލެންޖު މާލެ އެޑިޝަނުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، އެފަރާތްތައް އިއުލާނު ކޮށްފިއެވެ.

އެގޮތުން މި ޕްރޮގްރާމުގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ، ރާއްޖޭގައި އުފެދުނު އެންމެ ތަފާތު އެއް ވޯކަލިސްޓު އަބްދުލް ރަޝީދު އަލީ (އަބްސީ) އާއި މިޒަމާނުގެ އަންހެން ލަވަކިޔުންތެރިން "އައިޑަލް" އެއްގެ ގޮތުގައި ދެކޭ ޝިފާ ތައުފީގުގެ އިތުރުން، އިޝްގީ ލަވަތައް ހުށަހަޅައިދިނުމުގައި އެފަދަ ދެވަނައެއް ނެތް އުމަރު ޒާހިރު، ދިވެހި މިއުޒިކް އިންޑަސްޓްރީގެ މި ތިން ލެޖެންޑުންނެވެ.

ކަރޯކޭ ޗެލެންޖުގެ އޮޑިޝަން ރައުންޑު މިމަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، މި ޗެލެންޖުގެ ފުރަތަމަ އެޕިސޯޑުގައި ފެނިގެންދާނެ ބައިވެރިންވެސް މިހާރު ވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް އޮކްޓޯބަރު މަހުގެ ތެރޭގައި ޓީވީން ލައިވްކުރަން ފަށާ މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގެ ކުރިން އެއީ ކޮން ބައިވެރިންނެއްކަން ހާމަކުރަން ޕްރޮގްރާމުގެ ޕްރޮޑަކްޝަން ޓީމުން އުޒުރުވެރިވެއެވެ.

މި ޕްރޮގްރާމުގައި އެންމެ މުހިންމު އަދި އެންމެ ބޮޑު ދައުރެއް އަދާކުރާނީ ފަނޑިޔާރުންނެވެ. ސަބަބަކީ މި ޕްރޮގްރާމުގައި ބައިވެރިން އެލިމިނޭޓު ވުމާއި، ޖެހިގެން އަންނަ އެޕިސޯޑަށް ކުރިއަށް ދިއުމުގައި ހަމައެކަނި ރައުޔު އިއްވާނީ ފަނޑިޔާރުން ކަމަށް ވުމެވެ. ކަރޯކޭ ޗެލެންޖުގައި ބައިވެރިން އެޕިސޯޑުތައް ގިރާ ކުރުމަށް "އެސްއެމްއެސް" ކުރުމުގެ ފުރުސަތު ނޯންނާނެއެވެ.

މިކަން ހާމަކޮށް ވީޓީވީގެ ޗީޕް އޮޕަރޭޝަންސް އޮފިސަރ (ސީއޯއޯ) މުހައްމަދު ޒަހީން ވިދާޅުވީ، މުބާރާތުގައި ފަންނާނުން މިންކުރާނީ ހަމައެކަނި ފަނޑިޔާރުންދޭ މާކްސް އިންކަމަށާއި، އެސްއެމްއެސް އަށް ހުޅުވާ ނުލާނެ ކަމަށެވެ.

"ކަރޯކޭ ޗެލެންޖުގައި އަޅުގަނޑުމެން ހުޅުވައެއް ނުލަން ޕަބްލިކް ވޯޓަކަށް. ދެން އޭގަ ސަބަބުތަކެއްވެސް އެބައޮތް. އެއީ ލަވަކިޔުންތެރިން އެކިޔާ ލަވަޔަށް، ނުފޫޒުފޯރުވަން، އެހެންބަޔަކު، އެ ލަވަޔަކަށްވުރެ ބޮޑަށް، އެހެން ކަންކަމަށް ބިނާކޮށް މިކަން ގެންދަން ނުފޫޒުފޯރުވުން ހުއްޓުވުން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީ އެހާ އިންސާފުވެރި ގޮތެއް ކަމަކަށް. އޭގަ އިންސާފުވެރިވާނީ ލަވަކިޔުންތެރިން ކިޔާ ލަވަޔަށް، ނުވަތަ އެ ލަވައެއް ކިޔާ ކުއްޖެއްގެ ހުނަރަށް ފަނޑިޔާރުންދޭ މާކްސް އިން އެކުއްޖަކު ކުރިއަށް ދޭތޯ ނުވަތަ ކަޓާނީތޯ ނިންމައިގެން. ތިން ޖަޖުން ތިއްބަވާނެ. އިންސާފުވެރި، އެންމެނަށް އިތުބާރު ކުރެވޭ، ޤާބިލް ޖަޖުންތަކެއް މާލޭ އެޑިޝަނުގައި ބައިވެރިވާނީ. އެހެންވީމާ އެ ޖަޖުން ނިންމާ ނިންމުން އެއީ އެންމެފަހުގެ ނިޔާ ކަމަށް ކަނޑައެޅުން އެއީ އެންމެ އިންސާފުވެރިވާނެ ގޮތްކަމަށް ގަބޫލުކުރެވޭތީ ޕަބްލިކް ވޯޓަކަށް ހުޅުވާ ނުލަނީ. އެއީ އެންމެ ރަނގަޅުގޮތް ކަމަށް ކަންނޭނގެ ވާނީ ލަވަކިޔުންތެރިންނަށްވެސް"
ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން

މިކަމާ ގުޅޭގޮތުން މުބާރާތުގައި އިންސާފުކުރާ ފަނޑިޔާރުންވެސް ވަނީ ވާހަކަދައްކަވާފައެވެ.

ޗެލެންޖުގައި އިންސާފު ކުރައްވާ ތިން ޖަޖުންނާއި ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް
"ކަރޯކޭ ޗެލެންޖަކަށް ވާތީ، އެކުއްޖާގެ އަމިއްލަ ޕާފޯމަންސް މި ޖަޖު ކުރަނީ. ކުރާއިރު އާންމުންނަށް މިކަން ދޫކޮށްލައިގެން، އެއީ މާފުޅާ ދާއިރާއެއްގައި ކުރަން ޖެހޭނެ ކަމެއް ކަންނޭނގެ. އެކަހަލަ ކަމަކަށް (އާންމުންގެ ވޯޓަކަށް) ދާއިރު މުހިންމުވާނީ ކަރޯކޭ އަށްވުރެ އަމިއްލަ ލަވަ ނުވަތަ އަމިއްލަ އުފެއްދުންތައް ގެނެސްދޭ ލަވަތައް ހުންނަ ޕްލެޓްފޯމެއް ކަންނޭނގެ. މިއީ ކަރޯކޭ ޗެލެންޖަށްވިޔަސް، ކަރޯކޭ އަކީ ހަގީގަތުގަ މީހުން ހިތް އުފާކޮށްލާ މަޖާކޮށްލަން ހިންގާ އެކްޓިވިޓީއަކަށް ވާއިރު، އަޅުގަނޑަށް ހީވަނީ ޖަޖުން ހަމަ އެމީހުންގެ އެންމެ ފުރިހަމައަށް އެކަން އެގްސެކިއުޓް ކުރީމަ އޭތި ރަނގަޅަށްހެން އިންނާނީ".
ފަނޑިޔާރު އަބްދުލް ރަޝީދު އަލީ (އަބްސީ)

ޕްރޮގްރާމް އެންމެ ފުރަތަމަ އިއުލާނުކުރިއިރު އޮޑިޝަންގެ ހުރަސް ގިރާކޮށް، ފުރަތަމަ އެޕިސޯޑުން ޖާގަ ލިބޭގޮތަށް އޮތީ 15 ބައިވެރިއަކަށެވެ. އެހެންނަމަވެސް އޮޑިޝަނަށްފަހު، މިއީ މިކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފެނި، ފަނޑިޔާރުންގެ އެދުމުގެ މަތިން އެ އަދަދު 20 އަށް ބަދަލުކުރުމަށް ވީޓީވީން ވަނީ ނިންމާފައެވެ. ސަބަބަކީ އެތައް ކުދިންތަކެއް އޮޑިޝަންގައި ބައިވެރިވިއިރު، އެކުދިންގެ ތެރޭގައި ވަކި ކުއްޖަކަށް ދޫނުކުރާ ވަރުގެ އެތައް ކުދިންތަކެއް ތިބެ، އެކުދިންނަށް މިކަމުގައި ކުރިއަށްދާނެ ފުރުސަތު ބަންދުވުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީއެވެ. އަދި ބައިވެރިންގެ ހުށަހެޅުންތަކަށް ބެލުމަށްފަހުގައި، ވަރަށް ގާތްގާތުގައި މާކްސް ހޯދާފައިވާ އެތައް ކުދިންތަކެއް ތިބިއިރު، ގުރުއަތަކަށް ގޮސްގެން ނުވަތަ އެނޫންވެސް ގޮތަކަސް ބައިވެރިން އިޚްތިޔާރު ކުރުން އެއީ އިންސާފުވެރިވާނެ ގޮތެއް ކަމަށް ވީޓީވީގެ ޕްރޮޑަކްޝަން ކްރޫ އަށްވެސް ގަބޫލު ނުކުރެވޭތީ، އިންސާފުވެރި ހަމަހަމަ އުސޫލެއްގެ ތެރެއިން ބައިވެރިންނަށް ފުރުސަތު ދޭން ބޭނުންވީއެވެ.

މީގެއިތުރުން ހުރިހާ ފަނޑިޔާރުންވެސް ވަނީ މި ޗެލެންޖުގައި ބައިވެރިވި ބޮޑު އިންސައްތަ އަކީ، މި ފަންނުގައި ކުރިއަށް ދިއުމުގެ ގާބިލުކަން ހުރި، މޮޅެތި ލަވަކިޔުންތެރިންތަކެއް ކަމުގައި ވުމުން، މިއީ މި ޕްރޮގްރާމުގެ ފޯރި ގަދަވެ، ވާދަވެރިކަން އިތުރުވާނެ ސަބަބެއް ކަމުގައި ފާހަގަކޮށްފައެވެ.

ފަނޑިޔާރު ޝިފާ ތައުފީގު- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް
"އޮޑިޝަނަށްފަހު އެނގުނު ރާއްޖޭގަ ވަރަށް ބައިވަރު ޓެލެންޓެޑް ކުދިންތަކެއް ހަގީގަތުގަ ތިބިކަން. އެއްވެސް ކުއްޖެއް ކޮލިފައި ކުރުމުގައި ނުބަލަން އެއީ ވަކިތަނެއްގަ ލަވަކިޔާ ކުއްޖެއްތޯއެއް. ބެލީ އެދުވަހު ޕާފޯމްކުރި ފެންވަރަށް. އޭގެއިން ޖަޖް ކުރީ. ބޮޑަށް ބެލީ ކިއުމުގެ މޮޅުކަމަށް، ކިޔުންތެރިކަމަށް އެންމެބޮޑު މާކްސް އެއް ދިނީ. 45 ކުދިން ބައިވެރިވެފަ ހުރިއްޔާ އޭގެތެރެއިން 40 ކުދިންވީ ވަރަށް ރީތިކޮށް ލަވަކީ ކުދިންތަކަކަށް. އޭގެތެރެއިން 15 ނުވަތަ 20 ނެގުން އުނދަގޫ ކަމަކަށްވީ. އެހެންކަމުން ފުރަތަމަ 15 ނަގަން އޮއްވާވެސް އަޅުގަނޑުމެން (ވީޓީވީ)ގެ މެނޭޖްމަންޓާއި ވާހަކަދައްކައިގެން ހުރިހާ ޖަޖުން ނިންމީ 20 ކުދިންނަށް އެންމެ މަދުވެގެން ފުރުސަތު ދޭން. ހުރިހާ ގޮތަކަަށް ބަލާފަ އެންމެ ރަނގަޅުވީ ކުދިންތައް، ދެން މީގަ ދެރަވެސްވޭ (ބައެއް) ކުދިންނަށް ބައިވެރި ނުވެވޭތީ. ދަންނަވާލަން ބޭނުންވާ ވާހަކައެއް ހަމަ ގިނަ ކުދިންގެ މާކްސްގައި ހަމަ ޖަޖުން އިއްތިފާގުވިކަން. ހުރިހާ ކުދިންވެސް ސެލެކްޓުވެފައި އެތިބީ ޖަޖުންގެ އިއްތިފާގުން. ވަރަށް ހިޔާލު ތަފާތުވުމެއް ނެތް. މާކްސް ދީފަ ހުރިއިރުވެސް ކުދިންތައް ހުނަރުވެރިކަމުން މާކްސްތައް ހުރީ ވަރަށް ކައިރި ކައިރީގައި".
ފަނޑިޔާރު ޝިފާ ތައުފީގު
ފަނޑިޔާރު އުމަރު ޒާހިރު- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް
"މިފަހަރުގެ ބައިވެރިންނާ ދޭތެރޭގަ ވަރަށް އެއްވަރު ކުދިންތަކެއް ވަރަށް ގިނަ. އިރާދަކުރައްވިއްޔާ އިންސާފުކުރުމުގަ އަޅުގަނޑުމެންގެ ލެވަލް ބެސްޓް އަޅުގަނޑުމެން ދައްކާނަން. ދެން ދަންނަވާނީ އެވްރެޖްކޮށް ވަރަށް އެއްވަރު ކުދިންތަކެކޭ އަޅުގަނޑުމެންނަށް މި ބައްދަލުވަނީ. މިއީ ވަރަށް ޗެލެންޖިންގ ވަރަށް މަޖާ، ޓީވީ ބައްލަވާ ފަރާތްތަކުން ވަރަށް އެންޖޯއި ކުރާނެ ޕްރޮގްރާމެކޭ މިއީ. ޖަޖުން ނެގި ޑިޒިޝަންއެއްގެ ސަބަބުން ވީޓީވީން މިވަނީ ރިކުއެޓް ގަބޫލުކޮށް 15 ކުދިންގެ މައްޗަށް ޕްރޮގްރާމް ބިނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ އަދަދު 20 އަށް އިތުރުކުރަން. އޮޑިޝަން ނިންމި އިރުވެސް އެބައުޅޭ 20-21 ވަރަކަށް ކުދިން އެބައުޅޭ (ނުހަނު ގާބިލް). އެހެންވީމާ 15 ގަ އެ އަދަދު ބެހެއްޓޭކަން ނުފެނުނު. އެހެންވީމަ އަސްލު ވެލިއު ވަރަށް ބޮޑުތަން ރަނގަޅޭ އަޅުގަނޑަށް ދެންނެވޭނީ".
ފަނޑީޔާރު އުމަރު ޒާހިރު
ފަނޑިޔާރު އަބްދުލް ރަޝީދު އަލީ (އަބްސީ)- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް
"ކުދިންތައް ސެލެކްޓު ކުރުމުގައި އެކުދިން އެންމެ ފުރިހަމައަށް ޕާފޯމް ކުރަން ވަގުތު ދިނިން. އަނެއްކަމަށް އަޅުގަނޑުމެން ބެލީ، ކުދިން ލަވަ ސެލެކްޓު ކުރުމުގައި ސެލެކްޓު ކޮށްފައި ހުރީ އެކުއްޖެއްގެ ރޭންޖުގެ ތެރެއިންތޯ. ދެން ބެލީ އެކުއްޖަކަށް އިތުރު އެހީތެރިކަން ދީގެން އޭނާއަށް ކުރިއަށް ދެވޭނެތޯ. މެނޭޖްމަންޓުގެ އަދަދަކީ 15 ކުދިން. 20 އަށް އެއަދަދު އިތުރު ކުރެވުންވެސް އެއީ ޕްރޮގްރާމުގެ ފޯރި އިތުރުވެ ބޮޑު ކުރިއެރުމެއް އަދި ކަރޯކޭ ކުރާ ކުދިންތަކަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އެއީ ބޮޑު ކާމިޔާބީއެއް ކަމުގައި އަޅުގަނޑު ދެކެން".
ފަނޑިޔާރު އަބްދުލް ރަޝީދު އަލީ (އަބްސީ)

މީގެއިތުރުންވެސް މިފަދަ ޕްލެޓްފޯމެއް ދިވެހިންނަށް ބޭނުންވެފައި އޮތް މިންވަރާއި، އެކަމުގެ މުހިންމު ކަމުގެ މައްޗަށް ހުރިހާ ފަނޑިޔާރުންވެސް ވަނީ އަލިއަޅުވާލާފައެވެ. ހާއްސަކޮށް ލަވަކިޔުމުގެ ހުނަރު ހުރި އެތައް ކުދިންތަކަކަށް ވީމީޑިއާ މެދުވެރިކޮށް ފަހިކޮށްދިން މިއީ ބޮޑު ފުރުސަތެއްކަން އެފަރާތްތަކުން ފާހަގަކުރެއްވިއެވެ.

އަދި މިއީ ބެލުންތެރިން ބަލާހިތްވާ، ޗެލެންޖުގެ ބައިވެރިންގެ ވާދަވެރިކަން ފެނިގެންދާނެ ފޯރިގަދަ، މުނިފޫހިފިލުވަނިވި ޕްރޮގްރާމަކަށް ވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ތިން ޖަޖުންވެސް ހާމަކުރެއްވިއެވެ. އަދި މީގެ ކުރިން ގެނެސްދިން ތިން ސީޒަނަށްވުރެވެސް މި ސީޒަން އިތުރަށް ފުރިހަމަވެ، ކާމިޔާބު ޕްރޮގްރާމަކަށް ވާނެކަމަށް ޖަޖުން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ އަދިވެސް އަޅުގަނޑަށް އެނގޭ ވީޓީވީގެ މީގެކުރިން ގެނެސްދިން ތިން ސީޒަނަށްވުރެވެސް (މި ސީޒަން) ކުލަގަވެ ރަނގަޅުވެގެންކަން މި އަންނަނީ. އެއް ޕްރޮގްރާމަށްވުރެ އަނެއް ޕްރޮގްރާމް ރަނގަޅުވެގެން އައުން މިއީ އެތަނެއްގެ ކުރިއެރުން. އަޅުގަނޑު ދަންނަވާނީ ވަރަށް ތަފާތޭ އިނގޭތޯ. ގަބޫލުކުރި ވަރަށްވުރެވެސް މި ޕްރޮގްރާމް މާ (ހައިބަތުގެ ގޮތުން) ބޮޑުވެގެން މިދިޔައީ. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތްތަނުގައިވެސް ވީޓީވީން ކަމެއްކުރާ ކަމުގައި ވާނަމަ އެއީ ވެލިއުބަލް، މީހުން ބަލާހިތްވާ، ރަނގަޅު ޕްރޮގްރާމަކަށް ވެގެންދާނެއޭ".
ފަނޑިޔާރު އުމަރު ޒާހިރު

ވީޓީވީ ކަރޯކޭ ޗެލެންޖް، މާލެ އެޑިޝަނުގެ ޕްރޮޑިއުސަރ، މުހައްމަދު ސާމިން ވެސް ވަނީ މި ޕްރޮގްރާމާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް "ވީނިއުސް" އާއި ހިއްސާކޮށްފައެވެ. އެގޮތުން ޕްރޮގްރާމުގައި ބައިވެރިވިކުރަން ކަނޑައަޅާފައިވާ ކުދިންގެ އަދަދު އިތުރުކުރި ސަބަބަށްވެސް ސާމިން އަލިއަޅުވާލިއެވެ.

"މުބާރާތުގެ ބައިވެރިންގެ އަދަދު އިތުރުކުރީ، އެންމެ ސަބަބަކާ ހުރެ. އެއީ ޖަޖުންނަށް އުނދަގޫވީ 15 ބައިވެރިން ހޮވަން. ސަބަބަކީ އެއްވަރަކަށް މާކްސް ލިބިފަތިބި ކުދިންގެ އަދަދު އިތުރުވެފަ ހުރީމަ. ދެން އޭގެތެރެއިން ގުރުއަތުލައިގެން ކުއްޖަކު ހޮވުމަކީ މިކަހަލަ މުބާރާތެއްގައި ކުރުން ރަނގަޅު ކަމެއްކަމުގައި ޖަޖުންނަށް ނުފެނުނީމަ ޖަޖުން ނިންމީ މެނޭޖްމަންޓާވެސް ވާހަކަދައްކާފަ ވީޓީވީން މިކަން ކުރިއަށް ގެންދަން މިކަމުގައި ހަރަކާތްތެރިވާ އިސް ބޭފުޅުންނާ ވާހަކަދައްކާފަ ޖަޖުން ދިނީ ދެ އޮޕްޝަނެއް. އެއް އޮޕްޝަނަކީ ދެވަނަ އޮޑިޝަނެއް ބޭއްވުން. އަނެއް އޮޕްޝަނަކީ 20 ކުދިން ނެގުން. ދެން މުބާރާތަކީ ކުރިއްސުރެ ސްޕޮންސަރުން ހަމަޖެހި ވަކި އުސޫލެއްގެ ތެރެއިން ވަކި ދުވަސްތަކެއްގަ ވަކި ގޮތަކަށް ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމަކަށް ވާތީވެ، ޓޭޑްތަކަށް ބަދަލު ގެނެވޭކަށެއް ނެތް. އިތުރު އޮޑިޝަނެއް ބާއްވާނެ މުއްދަތެއްވެސް ނެތް. ދެން ނިންމީ ޖަޖުން އެދުނު ގޮތަށް 20 ބައިވެރިންނާއެކު ކުރިއަށް ދާން".
ޕްރޮގްރާމުގެ ޕްރޮޑިއުސަރ މުހައްމަދު ސާމިން

ސާމިން އިތުރަށް ވިދާޅުވީ، މުބާރާތުގެ އޮޑިޝަނުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެވެސް އެންމެބޮޑު ހިތްހަމަޖެހުމަކަށްވީ އެސްއެމްއެސް އިން ބައިވެރިން މިންކުރާ އުސޫލެއް މީގެތެރޭގައި ނުހިމެނުން ކަމުގައިއެވެ. އަދި ޖަޖުންނާއިމެދުގައި އޮޑިޝަނުގައި ބައިވެރިވި ފަރާތްތަކާއި، ހޮވުނު 20 ބައިވެރިންގެ އިތުރުން މެނޭޖްމަންޓާއި ޕްރޮޑަކްޝަން ކްރޫއިން ހިތްހަމަޖެހޭ ކަމާއި، އެ ޖަޖުންނާއިމެދު އިތުބާރު އޮތްކަން ސާމިން ފާހަގަކުރެއްވިއެވެ.

ފްރޮގްރާމުގެ ޕްރޮޑިއުސަރ މުހައްމަދު ސާމިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް
"މުބާރާތުގެ އޮޑިޝަނުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެވެސް އެންމެބޮޑު ހިތްހަމަޖެހުމަކަށްވީ އެސްއެމްއެސް އިން ބައިވެރިން މިންކުރާ އުސޫލެއް މީގެތެރޭގައި ނުހިމެނާ ޖަޖުންގެ މާކްސްއާ އެކުގައި މީގެއިން އެންމެ މޮޅު ބައިވެރިއަކު ހޮވާގޮތަށް އޮތް އޮތުން. އެކަންވީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާޅުމުންވެސް އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ސަބަބަށް. ބައެއް އެހެން މުބާރާތްތަކަށް ބަލާލާއިރު އެސްއެމްއެސް މީގެތެރޭގައި ހިމެނުމަކީ ބައިވެރިންގެ ފެންވަރު ދަށްވުމާއި، އޭގެއިން އެހޮވޭ ބައިވެރިޔާއަކީ އަސްލު ހޮވެންޖެހޭ ބައިވެރިޔާ އަށް ނުވުމަކީވެސް އެސްއެމްއެސް އޭގެ ތެރޭގައި ހިމެނެންޏާ، ވުން އެކަށީގެންވާ ކަމެއްގެ ގޮތުގައި ގިނަ ބައިވެރިން ދެކޭ. ފާހަގަކޮށްލަން މީގެ ޖަޖުންގެ ގޮތުގައި ތިބި ފަރާތްތައް އިއުލާނުކޮށްލުމުންވެސް މީގައި ބައިވެރިވާ މީހުންގެ އިތުބާރު ލިބި، ބައިވެރިންގެ އަދަދު ގިނަވިކަން. ޖަޖުންނާ ދޭތެރޭގަ އެއްވެސް ބައިވެރިއެއްގެ އެއްވެސް ޝަކުވާއެއް ނެތް. ވަރަށް ހިތްހަމަޖެހިފަ ހުރީ. ޖަޖުންނަށް އަޅުގަނޑު ހަމަ ގައިމުވެސް ފުރިހަމަ އިތުބާރު ކުރަން".
ޕްރޮގްރާމުގެ ޕްރޮޑިއުސަރު މުހައްމަދު ސާމިން

ސާމިން ވަނީ މި ޕްރޮގްރާމުގެ ފެންވަރާއި، ހައިބަތު އެހެން ސީޒަންތަކަށްވުރެ ރަނގަޅުވެ ބޮޑުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިފަހަރުގެ ޕްރޮގްރާމުގައި ދިވެހިންގެ އިތުރުން، އަވަށްޓެރި ގައުމުތަކަށް ނިސްބަތްވާ ލަވަކިޔުންތެރިއަކުވެސް ބައިވެރިވިކަމާއި، އެއީވެސް މިފަހަރުގެ ޕްރޮގްރާމުގެ ފެންވަރު ރަނގަޅުވެ، ވާދަވެރިކަން އިތުރުވާނެކަމުގެ ހެއްކެއްކަން ސާމިން ފާހަގަކުރިއެވެ.

ދިވެހި، ހިންދީ އަދި އިނގިރޭސި ލަވަތައް ކިޔުމުގެ ފުރުސަތުވެސް އޮންނަ ވީޓީވީ ކަރޯކޭ ޗެލެންޖަކީ ކަރޯކޭ އަށް ހާއްސަކޮށްގެން މިފަދަ ގޮތަކަށް ރާއްޖޭގައި ގެނެސްދޭ އެންމެ ބޮޑު ޕްރޮގްރާމެވެ.

2015 ވަނަ ވީޓީވީން އިފްތިތާހުކޮށް ގެނެސްދޭންފެށި ކަރޯކޭ ޗެލެންޖުގެ ފުރަތަމަ އެޕިސޯޑު ގެނެސްދިނީ ސްރީލަންކާގެ ކޮލަމްބޯގައި، ވީޓީވީ ކަރޯކޭ ޗެލެންޖް ކޮލަމްބޯ އެޑިޝަނުގެ ނަމުގައެވެ. އަދި އެއަށްފަހު ހދ. ކުޅުއްފުށީގައިވެސް އަދި އެންމެފަހުން 2017 ވަނަ އަހަރު ބ އަތޮޅު އެޑިޝަންގެ ނަމުގައި ދަރަވަންދޫގައިވެސް ވީޓީވީ ކަރޯކޭ ޗެލެންޖު ކުރިއަށް ގެންގޮސްފައިވެއެވެ.

ވީޓީވީ ކަރޯކޭ ޗެލެންޖުގެ އެއްވަނަ ހޯދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި އަދި އެހެނިހެން އިނާމުތައް ލިބޭއިރު މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑު ދައްކާނީ މިފެށީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.