އިންސްޓަގްރާމް ސްޓޯރީގައި ބަނގުރާފުޅިއެއްގެ ފޮޓޯ ޕޯސްޓް ނުކުރަން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މަރަނީ ބްރޭންޑުގެ "ސެޕެރާވީ ރެޑް ޑްރައި"ގެ ނަން ދީފައިވާ ބަނގުރާފުޅިއެއް އަތުން ހިއްޕަވައިގެން ހުންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ޕީޖީ ޝަމީމްގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކުރެއްވި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ޕީޖީގެ ޕްރައިވެޓް އިންސްޓަގްރާމް ސްޓޯރީގެ ސްކްރީންޝޮޓެއް ކަމަށް ބެލެވޭ ސްކްރީންޝޮޓެއް މިރޭ "ވީނިއުސް" އަށް ވެސް ވަނީ ލިބިފައެވެ.

އެސްކްރީންޝޮޓުން ފެންނަނީ މީހަކު ބަނގުރާފުޅިއެއްގައި އަތުން ހިފައިގެން ހުންނަ މަންޒަރެވެ. ނަމަވެސް މޫނު ނުފެންނާތީ އެއީ ކާކުގެ އަތެއް ކަމެއް ސާފެއް ނުވެއެވެ. އެފޮޓޯގެ މަތީގައި "ވެލްކަމް ޓު ޖޯޖިއާ [ޖޯޖިއާއަށް މަރުހަބާ]" މިހެން ލިޔެފައި ވެއެވެ.

އާންމު ގޮތެއްގައި ޝަމީމް އިންސްޓަގްރާމްގައި ހިއްސާކުރައްވަނީ އޭނާގެ ޒާތީ ފޮޓޯތަކެވެ.

ރާއްޖޭގެ އޮންލައިން ނޫސް "ވަގުތު"ގައި ޕީޖީ ޝަމީމަށް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެފުޅިއަކީ ޖޯޖިއާއަށް ވަޑައިގެންނެވި މީހުންނަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލުން ދެއްވި ހަދިޔާއެކެވެ. ޝަމީމް ޖޯޖިއާއަށް ވަޑައިގެން އުޅުއްވަނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓަރސްގެ 27 ވަނަ ޖެނެރަލް އެނުއަލް ކޮންފަރެންސަށެވެ.

އެކަމަކު "ވީނިއުސް" އިން މިކަމާއި ގުޅިގެން ސުވާލުކުރުމުން އެއީ ޕީޖީ ކުރެއްވި ޕޯސްޓެއް ކަމަކަށް ވެސް ނުވިއެވެ.

ވަރަށް ރުންކުރު މޭރުމަކުން ޕީޖީ ޝަމީމް ވިދާޅުވީ، އެޢީ އޭނާ ޕޯސްޓްކުރި ސްޓޯރީއެއް ނޫން ކަމަށެވެ. އަދި ޕޯސްޓްކުރި ނަމަވެސް، އޭނާގެ ޕްރައިވެޓް އެކައުންޓުން ކުރި ޕޯސްޓަކަށް ވާނެތީ އެވާހަކަ ނޫހުގައި ލިޔަން ނުޖެހޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ޓްވިޓަރ ބޭނުންކުރި އިރު އޭނާ ޓްވީޓްކުރި ކޮންމެ އެއްޗެއް ނޫސްވެރިން ލިޔުނު ކަމުގައި ވިޔަސް އަޅާނުލީ އެއީ ޕަބްލިކް ފޯރަމެއް ކަމަށް ވާތީ ކަމަށެވެ. އެކަމަކު ޕްރައިވެޓް އިންސްޓަގްރާމް އެކައުންޓްގައި އާންމުކުރާ އެއްޗެއްސާއި ގުޅުވައިގެން ލިޔުން ނޭދެވޭ ކަަމަށް ޝަމީމް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނުގައިވާ ގޮތުން ރާއްޖޭގައި ޖިނާއީ ކުށްތައް ކަމަށް ބަލާ ކަންކަން ރާއްޖެ އިން ބޭރުގައި ކުރި ނަމަވެސް އެއީ ޤާނޫނީ ކުށެކެވެ. ބަނގުރާ ބުއިމާއި ބަނގުރާ ގެންގުޅުމަކީ ރާއްޖޭގެ ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށްތަކެވެ. ދީނީ ގޮތުން ބެލިޔަސް އެއީ ހުއްދަ ކަންކަމެއް ނޫނެވެ.

އާންމުވެފައިވާ ސްކްރީންޝޮޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޝަމީމަށް ވަނީ އަމާޒުވެފައެވެ.