ޒިމްބާބްވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނީ ރާއްޖޭގައި ދީނީ ތަޤްރީރު ދެއްވުމަށް މުފްތީ މެންކު އަންނަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި މެންކްގެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވާކަން މިނިސްޓްރީން ހާމަކުރިއެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސްކުރިން 2020 ވަނަ އަހަރުއެވެ. އެ ދަތުރުގައި ކުޅުދުއްފުށީ ސިޓީގައި އޭނާ ދަރުސް ދެއްވިއެވެ. އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވިއެވެ.
މުފްތީ މެންކަކީ ޒިމްބާބުވޭގެ އިސްލާމިކް ކައުންސިލްގެ ފަތުވާ ޑިޕާޓްމެންޓުގެ އިސްވެރިއާއެވެ. އަދި ޒިމްބާބުވޭގެ ހަރާރީގެ މަސްޖިދުލް ފަލާހުގެ އިމާމުކަންވެސް ކުރައްވައެވެ.
މުފްތީއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާއި ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. މުފްތީ މެންކު ފާހަގަކުރެވެނީ މުޖުތަމަޢުތަކުގައި ހުރި ގިނަ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވާ އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށްދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.