ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެކުންފުނިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފިއެެވެ.

މިހާތަނަށް ނުވިކި ހުރީ 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓެވެ. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެން، ރޭ ގުރުއަތު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބިއިރު 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ ޔުނިޓްތަކަށް ޝަރުތުހަމަވެފައިވަނީ 235 ސްޓާފުންކަމަށް އެކުންފުނިން ބުނެއެވެ. ރޭ ގުރުއަތުލުން ކުރިއަށްގެން ގޮސްފައިވާއިރު، މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް 25 ސެޕްޓެމްބަރ ގައިވަނީ ސާރކިއުލާރއަކުން ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އާންމުކޮށްފައެވެ.

ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދީގެން، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް އަޅައިގެންނެވެ. އެކި ސަބަބުތަކާއިހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށްލާފައިވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ހައުސިން ކޮމިޓީންނެވެ. ދެ ކެޓަގަރީއަށްވެސް ވަކިވަކިން ގުރުއަތު ނަގާފައިވާއިރު، ހޮވުނު ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކަށް ލިބޭ ޔުނިޓްވެސް ނަގާފައިވަނީ ގުރުއަތުންނެވެ.

ސްޓެލްކޯގެ ނުވިކިހުރި ޔުނިޓްތަކަށް ގުރުއަތު ނަގާފައިވާއިރު، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ވަނީ ނަގާފައިއެވެ. އެފަރާތްތަކަށް ފުރުސަތު ލިބޭނީ، ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުންކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ސްޓެލްކޯގެ "ބްލޫ ރިޖް" ފްލެޓްތައް ބެހިފައިވަނީ 15 ފަންގިފިލާގެ 2 ޓަވަރަކަށެވެ. ޖުމްލަ 360 އެޕާޓްމަންޓް ހިމެނޭހެން ތަރައްޤީކުރާ މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.

އެންމެ ފުރަތަމަ މި ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވަނީ، އޮގަސްޓް މަހުގެ 06 ވަނަ ދުވަހުގައެވެ. އެދުވަހު ހަވާލު ކޮށްފައިވަނީ އެގްރިމެންޓްގައި ސޮއިކުރި 306 އެޕާޓްމަންޓްގެ ތަޅުދަނޑިއެވެ.

ސްޓެލްކޯ މުވައްޒަފުންގެ ފްލެޓްތަކުގެ އަގުތަކަށް ބަލާއިރު، ފްލެޓްތަކުގެ ޑައުންޕޭމެންޓެއްގެ ގޮތުގައި 350،000 ރުފިޔާ ދައްކަން ޖެހެއެވެ. ފްލެޓްތަކުގެ އަގު ދެއްކުމުގެ މުއްދަތަކީ 18 އަހަރެވެ.

އެއް ކޮޓަރީގެ ފްލެޓްތަކުގެ މަހުކުއްޔަކީ 5،622 ރުފިޔާއެވެ. ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓްތަކުގެ މަހު ކުއްޔަކީ 10،356 ރުފިޔާއާއި 10،652 ރުފިޔާގެ ދެމެދެވެ. އަދި މެންޓެއިނަންސް ފީއެއްގެ ގޮތުގައި އެއްކޮޓަރީގެ ފްލެޓް ތަކުން 1000 ރުފިޔާ އަދި ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓް ތަކުން 1300 ރުފިޔާ ދައްކަން ޖެހޭނެއެވެ.