ދުނިޔޭގެ ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކުން ދިވެހި ދައުލަތަށް އިތުބާރު ކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިހެން ވިދާޅުވީ ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު، އޭޑީބީން 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމާ ގުޅިގެން މިނިސްޓަރު އަމީރަށް ތައުރީފްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ސައުދުﷲ ކުރެއްވި ޓްވީޓުގައި ވަނީ އިތުބާރާއި ޔަގީން ކަމަކީ އެއްދުވަހުން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި މިއަދު މިފެންނަނީ ހިދުމަތާއި ފަންނުގެ މަތިވެރި ނަތީޖާ ކަމަށެވެ.

އަދި ދުނިޔޭގެ ފައިނޭންޝިއަލް އިދާރާތަކުން ދިވެހި ދައުލަތަށް އިތުބާރު ކުރާކަން ސައުދުﷲ ކުރެއްވި ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުން ރާއްޖެއަށް މިދިން އެހީއަކީ ވެކްސިން ރައްކާކުރާ ފެސިލިޓީތައް ގާއިމްކުރުމަށާއި، ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ދިން އެހީއެކެވެ.

އޭޑީބީން ބުނީ ކޮވިޑު ވެކްސިން ޖެހުމުގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިދިން އެހީއާއެކު ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާކޮށް، ބޫސްޓަރ ޑޯސް ޖެހުމާއި، ކުޑަކުދިންގެ ގަޔަށް ކޮވިޑު ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީތެރިވެދޭނެ ކަމަށެވެ.

އަދި ވެކްސިން ރައްކާކުރުމަށް ކޯލްޑް ސްޓޯރޭޖްތައް ގާއިމްކުރުމާއި، ޑެލިވަރީ އަދި މޮނިޓަރިންގެ މަސައްކަތަށްވެސް އެހީތެރިވެދޭނެ ކަމަށް އޭޑީބީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ދައުލަތުން 4.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެތެރެއިން 943.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ.