އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އަލުން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ބައިނަލްއަގްވާމީ ޔޯގާ ހަރަކާތާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގެ މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއެއް މީސްމީޑިއާގައި އާންމުވެގެންދިޔައިރު، އެސިޓީގައި ބުނެފައިވަނީ މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާކަމަށާއި، އެއީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެއް ހުރުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެތެރެއިން މިފަދަ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރަޢުޔު ކަނޑައެޅުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ފަތުވާ މަޖިލީސް މިވަގުތު ގާނޫނީ ހުސްކަމެއްގެ ތެރޭގައިވާއިރު، އެކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ، ޔޯގާގެ މައްސަލައަކީ 2015 ވަނަ އަހަރުން ފެށިގެންވެސް އިލްމުވެރިންގެ މެދުގައި ދެބަސްވުން އޮތް މައްސަލައެއް ކަމަށާއި، ބައެއް އިލްމުވެރިން ޔޯގާއަކީ ހަރާމްކަމެއް ކަމުގައި ވިދާޅުވާއިރު އަނެއްބައި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޔޯގާއަކީ ކަނޑައެޅިގެން ހަރާމްކަމެއް ކަމުގައި ނުބުނެވޭނެ ކަމަށެވެ.

އަދި، އެފަދަ ޚިޔާލުތައް އުފެދިފައި ހުންނަ މައްސަލަތަކުގައި ގާނޫނު ލާޒިމްކުރާ ގޮތަކީ ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދުމަށްފަހު އެރައުޔު މިނިސްޓްރީން އާންމުކުރުން ކަމަށާއި، ފުލުހަށް ފޮނުވި ސިޓީގައި ފަތުވާ މަޖިލީހުގެ ރައުޔައެއް ހިމަނާފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ފަތުވާ މަޖިލީހުގެ ބަދަލުގައި ދެން އެކުލަވާލާނީ ފިގުހު އެކަޑެމީއެއް ކަމަށާއި، އެހެން ނަމަވެސް އެއެކަޑަމީ އެކުލަވައިލެވެންދެންވެސް ފަތުވާ މަޖިލީހެއް އޮންނަންޖެހޭތީ ފަތުވާ މަޖިލިސް އެކުލަވައިލައްވަން މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އަލުން އެކުލަވާލުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ގަރާރެއްވެސް ހުށަހަޅުއްވާފައެވެ. ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފަތުވާ މަޖިލީހަށް އައު މެމްބަރުން އައްޔަންކޮށްފައެއް ނުވެއެވެ.