ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޙާއްޞަ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ އުތީމަށް ވަޑައިގަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން އެދެކަނބަލުން ޝަރަފުގައި އެރަށުގެ ރައްޔިތުން ދެއްވި ޖާފަތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެރަށުގައި ކުރިއަށް ދިޔަ ޤައުމީ ދުވަހުގެ ޚާއްޞަ ޙަރަކާތްތަކުގައި ވެސް އެދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ހއ. އުތީމުގައި ކުރިއަށްދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަކީ އިހުގައި އޮތް ޤައުމިއްޔަތު އަނބުރާ ދިރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކެއް ކަމުގައިވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޒިޔާރަތްކުރެއްވި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތަކުގެ ޚިދުމަތްތައް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާފައެވެ.

މީގެތެރޭގައި ބައެއް ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޒޯން 1 ގެ ޚިދުމަތް ފުރިހަމަ ކުރެވިފައި އޮތުމުން އެކަން ފާހަގަކުރުމަށް، "ބޮޑުތިލަދުންމަތި ގުޅާލުން" މިނަމުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ރަށްރަށުން ގެއްލިގެން ދިޔަ ތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤްތިޞާދު އަލުން އިޢާދަކުރުމުގެ ބޮޑު ބަދަލު ފެށެނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމުގައި ފާހަގަކުރައްވާފައެވެ.

ހަމަ އެއާއެކު މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ބޮޑު ތިލަދުންމައްޗަށް ގެނެވެމުންދާ ބޮޑު ބަދަލުގެ ތެރެއިން، ހަނިމާދޫ އެއަރޕޯޓަށް ގެނެވޭ ތަރައްޤީ އާއިއެކު ތިލަދުންމަތީގެ އިޤްތިޞާދަށް އަންނާނެ ބަދަލުތަކުގެ މައްޗަށް ވެސް ވަރަށް ތަފްޞީލު ގޮތެއްގައި އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ އެމަނިކުފާނު ބައްދަލުކުރައްވައި އެރަށްރަށަށް ބޭނުންވާ ކަންތައްތަކާއި، އެރަށްރަށުގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ރަށްރަށުގެ ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވާ އެ މުވައްސަސާތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.