ދޮށީގެ މަސްވެރިކަމުގައި އެއް ދުވަސް ތެރޭގައި 57 ޓަނަށްވުރެ ގިނަ މަސް ބާނައި، އެއް ދުވަހެއްގެ ތެރޭގައި މަސްވެރިކަމުގެ ރެކޯޑެއް ހުވަދޫ މަސް ދޯންޏަކުން ހަދައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ)ގެ ސީއީއޯ އިސްމާއިލް ފައުޒީ ކުރެއްވި ޓްވީޓެއްގައި ވަނީ ދެކުނުގެ މޫސުން އެންމެ ރަގަޅަށް ތަން ނުދިންކަމުގައިވިޔަސް اللهގެ ރަޚުމަތްފުޅާއިއެކު އިއްޔެ މަހަށް ނިކުތް ގދ.މަޑަވެލީގެ ޓީއެސް ލައިން ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށް ކިރުވާފައި ކަމަށެވެ.

އަދި މިއީ ދޮށީގެ މަސްވެރިކަމުގެ ރިކޯޑެއްކަން ފައުޒީ ފާހަގަކުރެއްވިއެވެ.

މިދޯނިން ކިރުވި މަަހަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ ކަން ފާހަގަކޮށް ފައުޒީ ވަނީ ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރި ބުރަ މަސައްކަތްތަކަށް ހިތްވަރުދެއްވާފައެވެ.

މިއީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް ނިމިދިޔަ އަހަރު މަސްކިރުވި ދޯނިވެސްމެ. އެއީ 1095.805 ޓަނުގެ މަސް."
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ

ދެކުނުގެ މަސްވެރިކަން ރަނގަޅުވެފަވާއިރު މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އެގޮތުން ސައުދީ ފަންޑުގެ ލޯނުގެ ދަށުން ކޫއްޑޫގައި އިތުރު ހަތަރުހާސް ޓަނު އަދި ގދ. ތިނަދޫގައި އެއްހާސް ޓަނު، މ.މުލަކުގަ ފައްސަތޭކަ ޓަނުގެ ކޯލްޑް ސްޓޯރޭޖް ހަދައި ނިމުމުން މަސްވެރިންނަށް ދިމާވެފައިވާ މައްސަަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަސް ނުގަތުމުގެ މައްސަލަ ކުރިމަތިވަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުން ފެށިގެން އެޕްރީލް މަހާއި ދޭތެރޭ ހިނގާ 7 މަސް ދުވަހުގެ މުއްދަތުގައި ކަމަށާއި އަދި އެދުވަސްވަރަކީ އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މަސްވެރިކަން އާދަޔާޚިލާފަށް ރަނގަޅުވާ ދުވަސްވަރުގައި މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވެނީ އެ ހުރިހާ މަހެއް ގަތުމަށް ބޭނުންވާ މިންވަރަށް މަސް ގަންނަ ފެސިލިޓީ ގާއިމްވެފައި އަދި ނުވާތީކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.