ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާގެ ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފިއެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު ރާއްޖޭގައި ހުރެގެން އެއްޖިންސުން ގުޅުންހިންގި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ 40 ދައުވާއާ ގުޅިގެން ހުކުމްކުރަން ކްރިމިނަލް ކޯޓުން ފުރަތަމަ ތާވަލްކުރީ ބުދަ ދުވަހަށެވެ.

އަލަމްގީރަށް ހުކުމް ކުރުމުގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މިއަދު 15:00ށެވެ.

އަލްމްގީރުގެ މައްޗަށް އުފުލާފައިވާ އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއަށް އޭނާ އިއުތިރާފްވެފަވާއިރު މި އަޑުއެހުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރު މަޖިލީހެއްގައެވެ.

އަލަމްގީރްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އަލަމްގީރާއެކު ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުންހިންގި ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާއިރު، އެއްޖިންސުން ގުޅުންހިންގިކަމަށް މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށްވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ.

މި ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ، މައްސަލަ ސާބިތުވާ މީހާއަށް އެންމެ ބޮޑު އަދަބަކަށްވެސް އަންނާނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ފުރުސަތު އޮންނާނެއެވެ.