ހަގީގީ ލާމަރުކަޒު ކުރުމުގެ މަލަމަތި ފެންނަން ފަށައިފި ކަމަށްް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ބ.ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސްފަރުވާދޭ ޔުނިޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒުކޮށް ހިދުމަތްތަށް ދިނުމަކީ ފާހަގަކޮށްލަން ބޭނުންވާ ކަމެއް ކަމަށާއި، ރާއްޖޭގައި ލާމަރުކަޒު ކުރެވުނު ކަމުގައި ވިޔަސް އަދިވެސް ހުރިހާ ބާރުތަކެއް ރަށްރަށް ދޫ ނުކުރެވޭ ކަމަށެވެ.

އަޅުގަނޑު ފާހަގަ ކޮއްލަން ބޭނުންވާ އެންމެ ބޮޑު ކަމަކީ ލާމަރުކަޒުކޮށް ހިދުމަތްދިނުން. ހަގީގީ ލާމަރުކަޒު ކުރުން އަދިކިރިޔާ ފެންނަން މިފެށީ. އަޅުގަނޑުމެންނަށް ލާމަރު ކަޒުކުރެވުނު ކަމުގައި ވިޔަސް، މިސާލަކަށް އުމްރާނީ ގޮތުން ލާމަރުކަޒު ކުރެވިފައި އެބަހުރި. އަތޮޅުތަކުގައި ސިއްހީ މަރުކަޒުތައް އެޅިއްޖެ، ސްކޫލްތައް އެޅިއްޖެ، އަޅުގަނޑުމެންނަށް އަތޮޅު އޮފީސްތައް އެޅިއްޖެ. ކައުންސިލްތައް އުފެއްދިއްޖެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ބާރުތައް ދޫނުކުރެވެ.
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު

މިރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީއާ އިންޑި އާއި ރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުން ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރުގެ އިތުރުން، އިންޑިޔާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރް އާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް އަދި ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދަރަވަންދޫ ސިއްޙިމަރުކަޒުގައި ގާއިމުކުރި އަވަސްފަރުވާދޭ ޔުނިޓަކީ، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ހެދި ޔުނިޓެކެވެ. އިންޑިއާ ސަރުކާރުން މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދިވެހި ސަރުކާރުން މި ޕްރޮޖެކްޓަށް ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 3 މިލިއަން ރުފިޔާއެވެ.

މި ސެންޓަރުގައި ނާސިން ސްޓޭޝަނަކާއި، ފަރުވާ ބޭނުންވާ މީހުންނަށް ހާއްސަ 10 އެނދާއި، ބަލި މީހުން ބަލާނެ ކޮޓަރިއާއި ދެ މީޓިން ރޫމުވެސް ހިމެނެ އެވެ. މި ސެންޓަރުގެ ފުރާޅުގައި ސޯލާ ސިސްޓަމް ހަރުކޮށް ބޭނުންކުރަން ނިންމާފައިވަނީ ސޯލާ ކަރަންޓެވެ.