ވީޓީވީގެ ޓޫޑީ ކެފޭ "ވާނުވާ"ގެ ނަމުގައި މިއަދު ހުޅުވައިފި އެވެ.

ވީޓީވީގެ ޓޫޑީ ކެފޭއަކީ ހަފްތާއަކު ހަތަރު ދުވަހު ހުޅުވާފައި ހުންނަ ކެފޭއެކެވެ. އެގޮތުން މި ކެފޭ ހުޅުވާފައި ހުންނާނީ ވީޓީވީގެ މޯނިން ޝޯވ "ވާނުވާ" ޕްރޮގްރާމް ގެނެސްދޭ ގަޑިތަކުގައެވެ. އެއީ ކޮންމެ ބުރާސްފަތި، ހޮނިހިރު، އާދިއްތަ ދުވަހެއްގެ ހެނދުނު 09:00 އިން 10:30 އަށެެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 09:00 އިން 10:00 އަށް މި ޕްރޮގްރާމް ކުރިޔަށްދާނެއެވެ.

ކޮންމެ ދުވަހަކުވެސް ޚާއްސަ މެހެމާނަކާއެކު މިޕްރޮގްރާމް ކުރިޔަށްގެންދާއިރު، "ވާނުވާ" ގެ ފުރަތަމަ ޕްރޮގްރާމްގެ މެހެމާނަކީ، ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އަލިގަދަ އެއްތަރި އަދި އެއިންޑަސްޓްރީގެ ރާނީގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ މަރިޔަމް ނިޝާއެވެ.

މީހުން ހޭލުތެރިކުރުމުގެ ގިނަ މައުލޫމާތުތަކެއް ހިއްސާކުރާ މި ޕްރޮގްރާމުގައި އެދުވަހެއްގައި ފާހަގަކޮށްލެވޭ މުހިންމު ހަބަރުތަކަށްވެސް ބަލާލާނެއެވެ. އަދި ކަސްރަތާއި ދުޅަހެޔޮކަމާއި ގުޅޭ ބައިތައްވެސް މި ޕްރޮގްރާމުގައި ގެނެސްދޭނެއެވެ. މީގެއިތުރުން އެކިއެކި ކަންކަމާއި ގުޅިގެން ސަރުކާރުގެ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ކުރިޔަށްގެންދާ ޕްރޮގްރާމްތަކުގެ މައުލޫމާތުވެސް މި ޕްރޮގްރާމުގައި ގެނެސްދިނުމުގެ ފުރުސަތަތުވެސް އެ ފަރާތްތަކަށް އޮންނާނެއެވެ.

މި ޕްރޮގްރާމް ކުރިޔަށްދާއިރު، ކޮފީއާއި، ތަފާތު ވައްތަރުގެ ބުއިންތައް އަދި ބިސްކޯދު ފަދަ ލުއިކާނާގެ ބާވަތްތައް ލިބޭނެއެވެ. މި ކެފޭގައި ކާބޯތަކެތި ވިއްކުމުގެ ފުރުސަތު އާންމު ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

ވީޓީވީގެ ޓޫޑީ ކެފޭގެ އިންޓީރިއާ ޑިޒައިންގެ އިތުރުން އެހެން ފަރުމާތައް ކޮށްފައި ވަނީ ކުޅަދާނަ އާޓިސްޓް އަދި ކުޑަކުދިންނަށް ހާއްސަކޮށް ވީޓީވީން ގެނެސްދޭ "ހިނގާ ކުރަހަމާ އަސްރަފީއާއެކު" ޕްރޮގުރާމް ހޯސްޓްކުރާ އަހުމަދު ނިމާދު (އަންދު)އެވެ.

"ވާނުވާ" ޕްރޮގްރާމުގެ ކޯ ސްޕޮންސަރުންނަކީ، ކެފޭ އޭޝިއާނާ، އައިލެންޑް ޕާފިއުމް ބަރ، ޕްރޮކިޔޯ ޕްލަސްގެ އިތުރުން ސޯސަން ފިހާރައެވެ. އަދި ސެޓް ސްޕޮންސަރ އަކީ ރެޑް ސްޓާއެވެ. ގިނަ ބައެއްގެ ތަރުހީބު ލިބޭ ވީޓީވީގެ މޯނިން ޝޯވ "ވާނުވާ" ޕްރޮގްރާމްގެ ސްޕޮންސަރުންނަށް ވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.