ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ކޯލިޝަނުގެ ލީޑަރ، ރައީސް އަބްދުﷲ ޔާމީން އަށް ކުރިމަތި ނުލެވޭ ގޮތަކަށް، އަންނަ އަހަރު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިޚާބު ނުބޭއްވޭނެ ކަމަށް، އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވެފައި މިވަނީ، ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެން "ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން މުންދު ވަނީ ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު ނެތްނަމަ އެ އިންތިހާބު ބޭއްވިޔަ ނުދޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އަހަރާ ހަމައަށް ޔާމީނަށް އޮތީ ބަންދުވެފައެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަން ކުރައްވާފައެވެ.
އޭގެފަހުން އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ވަރަށް ބޮޑަށް ވަރުގަދަކުރިއިރު، މިއަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުގެރޭ އަލިމަސް ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާއެއްގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. އެޓިކެޓު ޔާމީން ގަބޫލުފުޅު ކުރައްވާފައިވާއިރު، 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް މިވަގުތު އެއްވެސް ހުރަހެއްނެތެވެ.
އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި އާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ދައުލަތުން ކުރާއިރު، މިއީ އެ ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ދުވަސްވަރެކެވެ.
އެގޮތުން ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމުގައި އެންމެންގެ ހެކިބަސް ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ނަގާ ނިމިފައެވެ. މިމައްސަލާގައި ދެން ބާކީ އޮންނާނީ 2 އަޑުއެހުމެވެ. ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމަށްފަހު ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުމެވެ. ބެލެވޭ ގޮތުގައި މިމައްސަލައިގެ ހުކުމް ކުރުން އޮކްޓޯބަރު މަހުގެ ތެރޭގައި އޮންނާނެއެވެ.
މި ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، އަނެއްކާވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަށް ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
ހާލަތު މިހެން އޮތްއިރު، މިކަމާ ގުޅިގެން "ވީނިއުސް" އާއި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށާއި، އެބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނަކީ އޮޕޮޒިޝަން ލީޑަރ އަށް ވީހިނދު، އޮޕޮޒިޝަން ލީޑަރަށް ކުރިމަތިނުލެއްވޭ ގޮތަކަށް ރިޔާސީ އިންތިޚާބު ނުބޭއްވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެކަމަށް ހީނާ ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާވެސް މިއަހަރުގެ ތެރޭގައި ނިންމުމަށް ކްރިމިނަލް ކޯޓުން ވަނީ އަމާޒުހިފާފައެވެ. އޭގެއިން އެއްވެސް މައްސަލައެއް އެމަނިކުފާނާއި ދެކޮޅަށް ނިންމައިފިނަމަ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އަނެއްކާވެސް ބަންދުވާނެއެވެ.