ދިވެހިންނަކީ ޒަމާނުއްސުރެވެސް، ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ފަތުރުވެރިކަމުގެ "އެޕްރިސިއޭޝަން ރިސެޕްޝަން" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެވެސް، ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަމުގަޔާއި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ މަޤާމު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިންނަށް މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭކަމުގައެވެ.

ހަމަ އެގޮތަށް ފަތުރުވެރިކަމުގެ އެންމެ މަތީފަންތީގެ މަންޒިލުތަކާ ރާއްޖެއިން ވާދަކުރަމުންދާއިރު ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ގޮނޑުދޮށްތަކާއި މޫދާ ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއްދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިގޮތަށް އަލިއަޅުވާލައްވައި މި ސިނާޢަތް ރާއްޖޭގައި ފެށްޓެވުމުގައި އެންމެ އިސްދަޢުރު އަދާކުރެއްވި ބޭފުޅުން އޭރު މިސިނާޢަތް ފެށްޓެވުމަށް ކުރެއްވި ބުރަބޮޑު އުދަގޫ މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ސިނާޢަތް ފެށިގެން މިހާތަނަށް އައިއިރު މިސިނާޢަތުގައި މަސައްކަތްކުރި އަދި ކުރަމުންގެންދާ ފަރާތްތަކާއި އަދި އެކިގޮތްގޮތުން ސިނާޢަތާ ގުޅިފައިވާ އެތައްބައެއްގެ މިންނެތް މަސައްކަތް ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ޙަފްލާގައި ރައީސް ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މިރޭ ބޭއްވި މި ޙަފްލާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި އެފަރާތްތަކާއި އެއްތަނަކުން ބައްދަލު ގުޅުންބަދަހިކުރުމުގެ ގޮތުން ބޭއްވި ޙަފްލާއެކެވެ.

މިޙަފްލާގައި ރައީސްއާއި ނައިބުރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ވަޒީރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މިސިނާޢަތާއި ގުޅުންހުރި ސަރުކާރާއި އަމިއްލަ އެކިފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.