ރެލިގޭޓު ވެދާނެކަމުގެ ބިރަށް އުފެއްދި ޕާޓީއެއްގައި ހުރެގެން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް، މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދައްކަވަމުން ގެންދަވަނީ "ހަޑި" ވާހަކަތަކެއް ކަމަށް، ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

އަލީ މިފަދައިން ވިދާޅުވީ، ރާއްޖޭގެ ޓީވީ ސްޓޭޝަނަކުން ގެނެސްދިން ޕްރޮގްރާމެއްގައި، ޖޭޕީ އާއި ގުޅުވައިގެން މުންދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ މައިގަނޑު ސަބަބުތައް ހާމަކޮށްދެމުން، ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުންދު ވަނީ، ޖޭޕީ އާއި އަދި މީގެއިތުރުންވެސް ރާއްޖޭގައި އޮތް އެހެން ބައެއް ޕާޓީތަކަށް އަމާޒުކޮށް ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން މި ދަތުރުފުޅުތައް ރައީސް ޔާމީން ކުރައްވަން ޖެހޭ އެއް ސަބަބަކީ އެ ޕާޓީން ވަރަށް ބޮޑު ވައްކަމެއް ކޮށްފައިވުމުން ކަމަށް މުންދު ވިދާޅުވިއެވެ. އަދި މިއީ އެ ޕާޓީން ވައްކަންކުރި ދެވަނަ ފަހަރުކަމަށާއި، އެގޮތުން މީގެކުރިން އެ ޕާޓީގެ ދަފްތަރު، "ޕެންޑްރައިވް" އަކަށް އަޅައިގެން ގެންދިޔަ ކަމަށާއި، ދެވަނަ ވައްކަމަކީ "ކުދި، ދެވަނަ ޑިވިޝަން"ގެ ޕާޓީތަކުން ކަމަށާއި އެއީ އެ ޕާޓީގެ މެމްބަރުން ވަގަށް ނެގުން ކަމަށްބުނެ، ރާއްޖޭގެ ސިޔާސީ ޕާޓީތަކަކަށް މުންދު ތުހުމަތުތަކެއް ކުރައްވާފައިވެއެވެ.

"އަޅުގަނޑުމެން ދުވަސްކޮޅެއް ވެއްޖެ މީޑިއާތަކަށްވެސް ދަންނަވާތާ، އަޅުގަނޑުމެންގެ ޕާޓީން ވަރަށް ބޮޑު ވައްކަމެއް ކޮށްފިއޭ. އަޅުގަނޑުމެންގެ ޕާޓީގެ ތާރީޚުގައި މިއީ ދެވަނަ ފަހަރަށް ވައްކަމެއް ކުރި. އެންމެފުރަތަމަ އަޅުގަނޑުމެންގެ ޕާޓީގެ ދަފްތަރު ހިތްޕަވައިގެން، ވަގަށް ނަގައިގެން ވަޑައިގެން ޕެންޑްރައިވް އަކަށް އަޅައިގެން އެހެން ޒަމާނެއްގަ. ހަގީގަތެއް އިނގޭތޯ އެއީ. ދެން މިފަހުން މިވައްކަން ކުރީ ރާއްޖޭގެ ކުދި، ދެވަނަ ޑިވިޝަނުގެ ގިނަ ޕާޓީތައް ދެއްތޯ. އަޅުގަނޑުމެންގެ ޕާޓީގެ ވަރަށް ގިނަ މެމްބަރުން ހަމަ، ދައުލަތުގެ ބަޖެޓުދޭ މޫސުމާ ކައިރިކޮށްފަ އަޅުގަނޑުމެންގެ ޕާޓީގެ ވަރަށް ގިނަބަޔަކު ހަމަ ވަގަށް ނަގައިގެން ގެންގޮސްފި".
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އެކަން ހާމަވަނީ، އެގޮތަށް ދިމާވެފަ ތިބި މެމްބަރުންނަށް ގުޅުމުން، އެއީ އެ މެމްބަރުން ނުކުރާ ކަމެއްކަން ހާމަކުރުމުން ކަމަށް މުންދު ވިދާޅުވިއެވެ.

"ވަގަށް (ނެގި)ކަން އަޅުގަނޑުމެންނަށް އެނގެނީ، މިހާރު އަޅުގަނޑުމެންގެ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުގައި އުޅުއްވާ ބޭފުޅުން ކުރައްވާ ކަމަކީ، އެގޮތަށް ވަޑައިގެންފައިވާ ބޭފުޅުންނަށް ގުޅުއްވަނީ. އައްސަލާމު އަލައިކުމް އޭ، ދައްތާއޭ، ތިބޭފުޅާ އޮތީ ޕީޕީއެމްގައި މިހާރު ޕީޕީއެމް އަކު ނެތް އިނގޭތޯއޭ، އަޅުގަނޑުމެންގެ ޕާޓީން ވަޑައިގަތިންތޯއޭ. އެހިސާބުން އަންނަ ޖަވާބު އަޅުގަނޑުމެންގެ ކަންފަތުންވެސް އަހަން ނުކެރޭ ހިތްހަމަނުޖެހުމުގެ ޖަވާބުތައްވެސް އާދޭ. އަޅުގަނޑުމެންގެ ޕާޓީއަށް ވަފާތެރި ބޭފުޅުން އެބޭފުޅުންނަށް ނޭނގި އެބޭފުޅުންގެ ހައްގެއް އެ ނިގުޅައިގަންނަނީ، އެހެން ޕާޓީއަކަށް މިއޮންނަނީ ލާފަ".
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އެގޮތުން ޕީޕީއެމް އިން 6061 މީހުން ވަގަށް ނަގާފައިވާ ކަމަށާއި، އަޖައިބުވާ ކަމަކީ ރާއްޖޭގެ ބޮޑު ދެ ޕާޓީއަށް ޕީޕީއެމް އާއި އެމްޑީޕީ ވާއިރު، މިކަމުގައި އެންމެ ބޮޑު ވައްކަމެއް ކޮށްފައިވަނީ އެމްޑީޕީން ނޫންކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވަނީ ޕީޕީއެމް އިން މެމްބަރުން ވަގަށް ނެގި ރޭންކު ކޮށް، ތަރުތީބެއްވެސް ކިޔާދީފައެވެ. އަދި ރޭހެއްގެ ގޮތުގައި ސިފަކުރާނަމަ، ޕީޕީއެމް އިން މެމްބަރުން ވަގަށް ނެގުމުގެ "ލޯ މެޑަލް" ހޯދާފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކަމަށާއި ދެވަނައިގައި އޮތީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ކަމަށާއި، މި ރޭހުގައި އެއްވަނަ ހޯދާފައިވަނީ އަދާލަތު ޕާޓީން ކަމަށް މުންދު ވިދާޅުވިއެވެ.

"މީގަ އަޖައިބަކީ ރާއްޖޭގެ ބޮޑު ދެޕާޓީ އަކީ ޕީޕީއެމް އާއި އެމްޑީޕީ ކަމުގައި ވީހިނދު، އެންމެބޮޑު ވައްކަމެއް މިކަމުގައި ކޮށްފައި މިއޮތީ އެމްޑީޕީ އަކުން ނޫނޭ އިނގޭތޯ. އަނެއްހެން ދަންނަވަންޏާ މިއީ ރޭހެއް ކަމުގައިވަންޏާމު، ތިނެއް ދޭއް އެކެއް، އޭގެ ލޯ މެޑަލް މި ލިބެނީ ވަރަށް ފުރިހަމަ ތިންވަނައަކަށް މިދަނީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ. ތިންވަނައަށް އަޅުގަނޑުމެންގެ ޕާޓީން އެންމެގިނައިން ވައްކަންކުރި ފަރާތް އަޅުގަނޑު މި ދަންނަވަނީ. ވަރަށް ފުރިހަމަ ދެވަނައެއް، ރިހި މެޑަލް މި ހޯއްދަވަނީ، ކާނަލް ނާޒިމްގެ "ފިސްތޯލް" ޕާޓީން. އެބޭފުޅުން ދެވަނައަށް މިދަނީ. އެހެންނަމަވެސް އެންމެ ނަޒާހަތްތެރިކަމަށް ހެދިގެން އުޅުއްވާ، އެންމެ ސާފުތާހިރުކަމަށް ވިދާޅުވާ ބޭފުޅުން، ވަރަށް ފުރިހަމަ އެއްވަނައެއް، އެންމެ ގިނައަދަދަކަށް އަޅުގަނޑުމެންގެ ޕާޓީން އެންމެ ބޮޑު ވައްކަމެއް ކޮށްފައި އޮތް "ވަގުން" ނަކީ އަދާލަތު ޕާޓީ".
ޕީއެންސީިގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު)

މި ވާހަކަތަކާއި ގުޅިގެން ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، ޖުމްހޫރީ ޕާޓީން، އެހެން އެއްވެސް ޕާޓީއެއްގެ މެމްބަރުންނެއް ވަގަކަށް ނުގެންދާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީއަކުން އެހެން އެއްވެސް ޕާޓީއަކުން މީހުންނެއް (ވަގަށް ނަގައިގެން) ނުގެންނާނެ. ޖުމްހޫރީ ޕާޓީއަކީ މެމްބަރުން ވަގަށް ނަގައިގެން ޕާޓީއަށް މެމްބަރުން އިތުރު ކުރާނެ ޕާޓީއެއްވެސް ނޫން".
ޖޭޕީގެ އިސްތަރުޖަމާނު އަލީ ޞާލިޙް

ޖުމްހޫރީ ޕާޓީއަކީ ދެވަނަ ޑިވިޝަނުގެ ޕާޓީއެއްގެ ގޮތުގައި ސިފަކޮށް މުންދު ދެއްކެވި ވާހަކަފުޅަށްވެސް އަލީ ވަނީ ރައްދު ދެއްވާފައެވެ.

"އެ ވިދާޅުވާ ޑިވިޝަންތަކުގެ ވާހަކަދައްކާއިރުގައި، ރާއްޖޭގެ ސިޔާސީ ހަޔާތުގައި ރެލިގޭޓުވެގެން، ޝަރުއީ ކޯޓަކުން ޕާޓީއެއް ގެއްލޭ ހިސާބަށް ދިޔައިމަ، ދެން އަމިއްލައަށް ކޮންމެވެސް ނަމެއްގައި އުފެއްދި ޕާޓީއެއްގައި ހުރެގެން މިފަދަ ވާހަކަދެއްކުން ހުތުރު. މި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ގޮތާއި، އަދި ޕާޓީތަކުގެ ތެރެއިން ޕާޓީތައް އުފެދިގެން އައި ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މުހައްމަދު ހުސެއިން ޝަރީފަށް. މުންދު އެވާހަކަ ދައްކާއިރުގައި އަޅުގަނޑު ހިތަށް އަރާ ޖޭޕީއޭ ކިޔައިގެން ދައްކާނެ ވާހަކަތައް ހޯދާލައިގެން، ރަނގަޅަށް ދިރާސާ ކޮށްލައިގެން އަރާފަ ދެއްކިއްޔާމު ދެއްކިދާނޭ ޖުމްހޫރީ ޕާޓީގެ ވާހަކަ. އެކަމު ދެއްކެން އޮންނާނީ ހެޔޮ ވާހަކަތައް".
ޖޭޕީގެ އިސްތަރުޖަމާނު އަލީ ޞާލިޙް

އަލީ އިތުރަށް ވިދާޅުވީ، ވައްކަމުގެ ވާހަކަ ދައްކަން ޕީޕީއެމް ޕީއެންސީން "ހެޔޮ ނުވާނެ" ކަމަށެވެ.

"ކަމެއް ކޮށްފިއްޔާ، ވައްކަމުގެ ވާހަކަ އެބޭފުޅުން ވިދާޅުވާއިރު، ޖާފަތެއް ޖަހައިފިއްޔާ އެބޭފުޅުން ދާން މިޖެހެނީ އޭސީސީއަށް. ދެން މިގެއްލެނީ ވަޒީރުކަން. މިހާލަތުގަ ތިއްބަވާ ބޭފުޅުން (އެފަދަ) ވާހަކަދައްކަން ހެޔޮ ނުވާނެ".
ޖޭޕީގެ އިސްތަރުޖަމާނު އަލީ ޞާލިޙް

ޖޭޕީން އެ ޕާޓީއަށް މީހުން އިތުރުކުރާއިރު ވައްކަން ނުކުރާނެކަން ކަށަވަރުވާ މިންވަރަށް މަސައްކަތްތައް ކުރާކަން އަލީ ހާމަކުރެއްވިއެވެ. އެގޮތުން ޕާޓީއަށް މެމްބަރުން ވަނުމަށް ސޮއިކުރާ ފޯމުގައި ސޮއިކުރާއިރު، އެ މަންޒަރު ވީޑިއޯ ނުވަތަ ފޮޓޯ މެދުވެރިކޮށް ޑޮކިއުމެންޓޭޝަނެއް ހެދޭކަން އަލީ ފާޙަގަކުރެއްވިއެވެ. އަދި އެ މަސައްކަތުގައި ޖޭޕީގެ މެމްބަރުން އަމަލީގޮތުން މަސައްކަތް ކުރައްވާކަމަށް އަލީ ވިދާޅުވިއެވެ.

އަދި ޖޭޕީ އަކީ ޕެންޑްރައިވް ޖަހައިގެން އަދި އެހެނިހެން ގޮތެއްގައިވެސް ވަގަށް މެމްބަރުން ގެންނާނެ ޕާޓީއެއް ނޫންކަމަށް އަލީ ވިދާޅުވިއެވެ.

ޕީއެންސީ އުފެދިފައިވާ ގޮތާއި ގުޅޭގޮތުން އަލީ ވާހަކަދެއްކެވިއިރު، އިދިކޮޅު ޕީއެންސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމުން ވަކިކުރުމަށް ފަހު އެ މައްސަލާގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އޭރު ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެގެން އުފެއްދި ޕާޓީއެކެވެ. ކޯޓު މަރުހަލާ ނިމި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމް ލިބުމުން ދެ ޕާޓީ ހިންގަމުން އަންނަނީ އެއްކޮށެވެ.

އަދި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ޕީޕީއެމް އިން ބޭއްވި އެޕާޓީގެ ކައުންސިލް އިންތިޚާބުން ނާކާމިޔާބުވި ބައެއް މެމްބަރުން ޕީއެންސީގެ ކައުންސިލަށްވެސް ވަނީ އައްޔަންކޮށްފައެވެ.