ލޯތަކަށް ފެންނަން އޮތް އެންމެ ބޮޑު ޙަޤީޤަތް ކަމަށްވާ މަރާމެދު ޣާފިލުނުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭޙަތްތެރިވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައި ވަނީ "މަރަށް ތައްޔާރުވުން" މި މައުޟޫއުގެ މައްޗަށެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ މާތް ﷲ ޚަލްޤްކުރައްވައި، ފުރާނަ އަޅުއްވާފައިވާ ކޮންމެ މަޚްލޫޤަކީ، މަރުގެ ރަހަ ދެކި، ފަނާވާނެ އެއްޗެއް ކަމަށާއި މާތް ﷲގެ ޛާތުފުޅު މެނުވީ އެހެން ހުރިހާ އެއްޗެއް ފަނާވެދާނެ ކަމަށެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންގެ އަޖަލު ކަނޑައަޅުއްވައި އައްލައުޙުލް މަޚްފޫޘުގައި ލިޔުއްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

ޤަތުލުވެގެން، އެކްސިޑެންޓްވެގެން، ގެނބިގެން، އަލިފާނުގެ ޚާދިޘާއެއް ހިނގައިގެން އަދި މި ނޫން ގޮތަކުން ވިޔަސް މަރުވާ މީހަކު މަރުވަނީ އޭނާގެ އަޖަލު ހަމަވުމުން ކަމަށާއި ކަނޑައެޅިފައިވާ އަޖަލު ހަމަވުމުން ލިޔުއްވާފައިވާ ގޮތާއި ތަފާތެއް ނެތި، އަވަސްވުމެއް ލަސްވުމެއް ނެތި އެމީހެއްގެ ފުރާނަ މާތް ﷲ ގެންދަވާނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

وَمَا كَانَ لِنَفْسٍ أَنْ تَمُوتَ إِلاَّ بِإِذْنِ اللَّهِ كِتَاباً مُؤَجَّلاً
آل عمران: 145

މާނައީ: “އަދި، ﷲގެ އިޛުނަފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް ނަފްސަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ.”

އިންސާނާގެ ގާތަށް މަރު އަންނާނެ އިރެއް މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ނޭނގޭނެ ކަމަށާއި އެކަން އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތް ﷲ ކަމަށް ވާތީ އެކަމަށް ތައްޔާރުވުމަށް ހުކުރު ޚުޠުބާގައި ތަކުރާރުކޮށް ގޮވާލާފައި ވެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާއީ ވެފައިވާކަންކަމާއި، ވާނޭކަންކަމާއި، އަދި ނުވާކަންކަމާއި، އެނުވާކަމެއް ވެއްޖެނަމަ ވާނޭގޮތްވެސް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. މިސާލެއްގެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلَوْ تَرَى إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنْ الْمُؤْمِنِينَ * بَلْ بَدَا لَهُمْ مَا كَانُوا يُخْفُونَ مِنْ قَبْلُ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ
الأنعام:27-28

މާނައީ: “އެބައިމީހުން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެބައިމީހުން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރައްބުގެ އާޔަތްތައް ދޮގެއް ނުކުރާނަމެވެ. އަދި އީމާންވި މީހުންގެ ތެރެއިން ތިމަންމެން ވާނަމެވެ. އަދި ކިއެއްތަ! އެބައިމީހުން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެބައިމީހުންނަށް ފާޅުވިއެވެ. އަދި އެބައިމީހުން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެބައިމީހުންނަށް ނަހީކުރެއްވި ކަންތަކަށް އެބައިމީހުން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.”

މިއީ ކަންކަން ހިނގުމުގެ ކުރިން އެކަން ވާނޭކަން ﷲ ސުބުޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަމުގެ ފުރިހަމަ ދަލީލެކެވެ. އަދި ހަމައެހެންމެ، ނުވާނެކަމެއް ވެއްޖެނަމަ އެކަންވެގެންދާނެގޮތް އެއިލާހު ދެނެވޮޑިގެންވާ ކަމުގެ ދަލީލެކެވެ. އެހެނީ، ޤިޔާމަތްދުވަހު ނަރަކައަށް ވެއްދެވުމަށްފަހު އަލުން ދުނިޔެއަށް އައުމަކީ ނުވާނެކަމެކެވެ. އަދި ދުނިޔެއަށްފޮނުވުނަސް އެބައިމީހުން އެނބުރި އެބައިމީހުން ތިބި ނުބައިގޮތްތަކަށް އަލުން ރުޖޫޢަވާނެކަން ﷲ އެވަނީ އަންގަވާފައެވެ.

އިންސާނުންނަކީ މަރުމަތިން ހަނދާންނައްތާލާ ބައެކެވެ. ނަމަވެސް މީގެ ތެރެއިން މުއުމިނުންނަކީ އަބަދުވެސް މަރު ހަނދާންކުރާ ބައެކެވެ. އޭނާ ހުރިހާ ވަގުތަކު ވެސް ހުންނާނީ، އެއާ ކުރިމަތިލާން ތައްޔާރަށް، އޭގެ އިސްތިޤުބާލުގައެވެ. މަރަށް ތައްޔާރުވުމުގެ ގޮތުން އޭނާ ތައުބާވެ، އިސްތިޣްފާރުކޮށް މީސްމީހުންގެ ޙައްޤުތައް ރައްދުކުރެއެވެ. ހެނދުނާ ހަވީރު އޭނާގެ ނަފްސު ހިސާބުކުރެއެވެ.

ދެން ރަނގަޅުކަމެއް ކުރެވިފައި އޮތްނަމަ، އެކަމަށް ތައުފީޤު ދެއްވީތީ ﷲ އަށް ޝުކުރުވެރިވެއެވެ. އަދި ނުބައިކަމެއް ކުރެވިފައި އޮވެއްޖެނަމަ، އެ ކަލާނގެ ކިބަފުޅުން މާފަށް އެދެއެވެ. އޭނާ އާޚިރަތް ދުވަސް ހަނދާންކުރެއެވެ. ހިތްތަކާއި ލޯތަށް އެފުށް މިފުށަށް ފުރޮޅޭ ދުވަހަށް ބިރުވެތިވެއެވެ. މަރުވުމަށް ފަހު ލިބޭ ޢަޛާބަށް ބިރުގަނެއެވެ. އަދި މަރަށް ފަހު ލިބެން އޮންނަ ދަރުމަތަކަށް ދަހިވެތިވެއެވެ. އަދި މި ހޯދައިގަތުމަށް، ކެތްތެރިކަމާއި ނަމާދުން ވާގި ހޯދައެވެ. ﷲ ގެ ރުއްސެވުމާއި ދަރުމައަށް އެދި ހެޔޮ ކަންތައް ކުރެއެވެ.