ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ. މަގާމުން ވަކިކުރުމަށްފަހު ދާއިމީކޮށް އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ދެކޮޅު ހަދައިފިއެވެ.
ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫގައި ބަޔާންކޮށްފައިވާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރި ނަމަވެސް، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރުމަށް ހުރަހެއް ނޯވެއެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކު ކޮށްގެން ނުވާނެ އަމަލެއް ކޮށްގެން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހަޅައިފިނަމަ އެފަނޑިޔާރަކަށް ލިބިފައިވާ ވަކީލުކަމުގެ ހުއްދަ ވަގުތުން ބާތިލްވާނެ ކަމަށެވެ.
އަދި، ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދުވަހަކުވެސް ނުދެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ނަމަވެސް ވަކި ކަހަލަ މައްސަލަތަކެއްގައި މަގާމުން ވަކިކުރުމުގެ 5 އަހަރު ފަހުން ހުއްދައަށް އެދި ހުށަހެޅުމުން ވަކާލާތުކުރުމުގެ ހުއްދަ އަލުން ލިބޭނެ ކަމަށް އިސްލާޙުގައި ބުނެފައިވެއެވެ.
މިއިސްލާހު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަވަމުން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު މަގާމުން ވަކިކުރުމަށްފަހު ވަކާލާތު ކުރުމުގެ ހުއްދަ އުމުރަށް ބާތިލްކުރުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ގޮތެއް ނޫންކަމަށާއި، ފަނޑިޔާރަކު މަގާމުން ވަކިކުރުމަކީ ވެސް އަދަބެއް ކަމަށާއި، އެބޭފުޅަކާމެދު އިތުރު ފިޔަވަޅެއް އަޅާނަމަ އެކަން ކުރަންވާނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކަށް ހުށަހަޅައިގެން އޮންނަ އުސޫލަކުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ވަކީލެއްގެ ގޮތުގައި އެބޭފުޅަކު ކުރިން މަސައްކަތް ކުރެއްވި ކޯޓަށް ކުއްލިއަކަށް ވަޑައިގެން ވަކާލަތު ކުރެއްވުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެހެންކަމުން އެފަދަ ބޭފުޅުން ކުރިން މަސައްކަތް ކުރެެއްވި ކޯޓުގައި ވަކި މުއްދަތެއްގެ ފަހުން ވަކާލާތު ކުރެއްވިދާނެ ފަދަ ގޮތަކަށް އުސޫލެއް ހެދިދާނެ ކަމަށް ހިޔާލު ހުށަހެޅުއްވިއެވެ.
މިއިސްލާހު މަޖިލީހަށް ހުށަހެޅުމާއެކު ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވެއެވެ.