ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އުރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ މައްސަލައިގައި ކޯޓަށް ވަޑައިނުގެންނެވީ ކީއްވެތޯ އައްސަވައި މާލެ ސިޓިގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ނަރީޝް މިފަދައިން ވިދާޅުވީ މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އަމީނީމަގު ހެދުމަށް އެމަގުގައި ހުރި ގަސްތައް ނަގާ މައްސަލަ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅުއްވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު އެމައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވަނީ އެފަދައިން ގަސްތައް ނެގުމުން ތިމާވެއްޓަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވިދާޅުވެއެވެ. ރައީސް ނަޝީދު ވިދާޅުވީ ގަހެއް ހެދުމަށް 15 ނޫނީ 20 އަހަރު ނަގާ ކަމަށާއި ނަމަވެސް މަގެއް ހެދުމަށް ނަގަނީ ދެތިން މަސް ކަމަށާއި، އެހެންކަމުން ގަސްތައް ނުނަގައި މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމީނީ މަގުގެ ގަހުގެ މައްސަލަ ވަރަށް ބޮޑުވެ ނޫސްވެރިންވެސް އެކަމުގެ ޝައުގުގައި ވަރަށް ބޮޑަށް އުޅޭކަމަށާއި، މައްސަލަ ކޯޓަށް ހިފައިގެން ދިޔުމަށް ވަކީލުންތަކެއް އަވަދިނެތި އުޅޭ މަންޒަރުވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެހެންނަމަވެސް، ވިލިމާލޭ ފަރަށް އެފްކޮން އިން ދިން ގެއްލުމުގެ މައްސަލައިގައި ކޯޓަށް ވަޑައިނުގެންނެވީ ކީއްވެތޯ އަދި، އެމައްސަލައަށް ނޫސްވެރިން އެހާ ޝައުގު ނުދެނީ ކީއްވެތޯ ހިތުގައި ސުވާލު އުފެދޭ ކަމަށް ނަރީޝް ވިދާޅުވިއެވެ. މީގެއިތުރުން، އެފްކޮންއަކީ އިންޑިއާގެ ކުންފުންޏަކަށް ވުމުން ނޫސްވެރިންނާއި ވަކީލުން އަދި ތިމާވެށި ހިމާޔަތްކުރާ ކަމަށް ވަކާލާތުކުރާ ތިމާވެށީގެ ޗެމްޕިއަނުންވެސް ހަނުތިބެން މަޖުބޫރުވީތޯ ނަރީޝް ވަނީ އައްސަވާފައެވެ.
ވިލިމާލޭ ފަރަށް ބްރިޖް ޕްލެޓްފޯމް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް ފަރުން ޕްލެޓްފޯމް ނަގާފައިވަނީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމިން ދަނިކޮށް އެމަހުގެ 27 ވަނަ ދުވަހުއެވެ.