ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްއިއްޔާގެ މަސައްކަތްތަކުގެ ދަށުން ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުވުމަށް "ޔަންގް ފިޝަރސް ކްލަބް" އިފްތިތާހްކޮށްފިއެވެ.

މި ކްލަބް އިފްތިތާހް ކޮށްފައިވަނީ އެކަމަށްޓަކައި ރޭ ހއ. އިހަވަންދޫގައި ބޭއްވި ހަފްލާގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ކްލަބް އިފްތިތާހްކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަަސަނެވެ.

މަސްވެރިންގެ ޖަމިއްޔާއިން ބުނީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ކަމަށާއި، ނަމަވެސް އެކަމަށް އިސްނަގައިގެން މަސައްކަތްކުރާ މަންޒަރު ފެންނަނީ ވަރަށް މަދުން ކަމަށެވެ. އެހެންކަމުން ސްކޫލް ދައުރުއްސުރެން ފެށިގެން ކުދިން މިދާއިރާއަށް ޝައުގުވެރިކުރުވުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށާއި، މި ކްލަބަކީ އެމަސައްކަތުގެ ނަތީޖާ ކަމަށް މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

މި ކްލަބް އަމާޒުކޮށްފައިވަނީ މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއަކަށެވެ. އެގޮތުން، މި ކްލަބްގެ ދަށުން މެރިން ބައޮލޮޖީއާއި އިންޖިނިއަރިންގ އާއި، ކޯސްޓަލް ނެވިގޭޝަންއާއި، ކޮމިއުނިކޭޝަންއާއި މި ނޫނަސް މިދާއިރާއާ ގުޅޭ ތަފާތު އެކި މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކްލަބް އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މަސްވެރިންގެ ޖަމިއްޔާގެ ޗެއަރމަން އަހުމަދު މަނިކު ވިދާޅުވީ، ތަމްރީންތަކުގައި މަސްވެރިން ބައިވެރިކުރުވުމުގައި ހުރި ދަތިތަކުގެ އިތުރުން، ތައުލީމީ ޒުވާނުން މި ސިނާއަތުގެ ތެރެއަށް ޝާމިލް ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެދަތިތަކުގެ ހައްލަކީ މަސްވެރިންގެ ސިނާއަތުގައި ހަރަކާތްތެރިވާނެ ޒުވާން ޖީލެއް އުފެއްދުން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަލްބް ތައާރަފްކުރުމަށް ވަރަށް ގިނަ ސަބަބުތަކެއް ހުރި. އެގޮތުން މަސްވެރިން ތަމްރީންކުރުމުގައި މި އެސޯސިއޭޝަނުން ކުރިއަށް ގެންދާ ގިނަ މަސައްކަތްތަކުގައި ދިމާވާ ދަތިތައް އެބަހުރި. އެގޮތުން ތަމްރީންތަކުގައި މަސްވެރިން ބައިވެރިކުރުވުމުގައި ހުރި ދަތިތަކުގަ އިތުރުން ތައުލީމީ ޒުވާނުން މި ސިނާއަތުގެ ތެރެއަށް ތައާރަފްކުރުމުގައި ހުރި ދަތިތައް ފާހަގަކޮށްލަންޖެހޭ. އެކަންކަމުގައި ހައްލެން ކަމުގައި އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ މަސްވެރިންގެ ސިނާއަތަށް ޒުވާން ޖީލެއް އުފެދުން.
މަސްވެރިންގެ ޖަމިއްޔާގެ ޗެއަރމަން އަހުމަދު މަނިކު

މަސްވެރިންގެ ޖަމިއްޔާއިން ބުނީ އެޖަމިއްޔާގެ އަމާޒަކީ ހާވެސްޓިންގ ސެކްޓަރގެ އިތުރަށް ޕޯސްޓް ހާވެސްޓިންގ ސެކްޓަރގައި ހިމެނޭ ދާއިރާތަކަށްވެސް ކުދިން އަހުލުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، މަސް ޕްރޮސެސް ކުރުމާއި މަހުން ތަފާތު ބާވަތްތައް އުފައްދައި އެ މާކެޓް ކުރާނެ ގޮތްތައް ކުދިންނަށް ދަސްކޮށްދޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އިހަވަންދޫ ސްކޫލުގައި މި ކްލަބް އިފްތިތާހްކޮށްފައިވަނީ މަސްވެރިންގެ ޖަމިއްޔާއާއި ދިރާގު ގުޅިގެންނެވެ. މަސްވެރިންގެ ޖަމިއްޔާއިން ބުނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެނިހެން ސްކޫލްތަކަށްވެސް ކްލަބްގެ ހަރަކާތް ފުޅާކުރެވިގެންދާނެ ކަމަށެވެ.