ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުއުތުރާ މިއަދު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅަކީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ނިންމާފައިވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދަތުރުފުޅުގެ ތެރެއިން ދެ ފޮރިން ސެކްރެޓްރީންގެ ދެ ގައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިހާރު އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ މަޝްރުއޫތައް ކުރިއަށްދާގޮތްވެސް އެމަނިކުފާނު ބައްލަވާނެ ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރަޓަރީ ވިނޭ މޯހަންގެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިން އެ މަގާމުގައި ހުންނެވި ހާޝް ވަރުދަން ޝްރިންގްލާ ވަނީ 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ.