ދިވެހިރާއްޖޭގެ ގުޅުންް، ދިރާގަކީ 1 އޮކްޓޫބަރު 1988 ވަނަ އަހަރުގައި ގާއިމު ކުރެވުނު ރާއްޖޭގައި މުވާސަލާތީ ޚިދުމަތް އެންމެ ފުރަތަމަ ދޭންފެށި ކުންފުންޏެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތްގޮތުން، އެކަހެރިކަންމަތީ އޮތް ރާއްޖޭގެ އެތައް ރަށެއް ގުޅުވައިދިން ފާލަމަކީވެސް ހަމަ ދިރާގެވެ. ދިވެހި ރައްޔިތުން ގުޅުވައިދިން އެކުވެރިޔާއެވެ. ދިވެހި ވިޔަފާރިތަކަށް ދިރުން ދިން ބައިވެރިޔާއެވެ.

ދިރާގުގެ ތާރީޚާއި ފުރަތަމަ ތައާރަފުކުރި ޚިދުމަތްތައް

1 އޮކްޓޯބަރ 1988 ގައި ރަސްމީގޮތުން ދިރާގު ގާއިމު ކުރެވުނު ނަމަވެސް ޚިދުމަތްތައް ތަޢާރަފުކުރެވެން ފެށީ 1989 ވަނަ އަހަރުއެވެ. އެއަހަރަު މާލޭގައި ކޭބަލް އަޕްގްރޭޑް ކުރެވުން އަދި އޭގެ ދެ އަހަރު ފަހުން 1991 ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ޕޭޖިންގެ ޚިދުމަތް ތަޢާރަފުކުރިއެވެ. އޭގެ އަހަރުތަކެއް ފަހުން 1996 ވަނަ އަހަރުގައި އެންމެ ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ތަޢާރަފުކުރިއެވެ. "ނެޓް ލިންކް"ގެ ނަމުގައެވެ. އެހެން ނަމަވެސް ފަހުން މިނަން ދިވެހިނެޓްގެ ނަމަށް ބަދަލުކުރިއެވެ.

ޖެހިގެން އައި އަހަރު "ދިމޮބައިލް"ގެ ނަމުގައި ރާއްޖޭގައި އެންމެ ފުރަތަމަ މޯބައިލް ފޯންގެ ޚިދުމަތް ދެވެން ފެށުނެވެ. އަދި 1999 ވަނަ އަހަރު ދިރާގުގެ މޯބައިލް ފޯންގެ ޚިދުމަތު ޖީ.އެސް.އެމް އަށް ބަދަލުކުރިއެވެ. 23 ޖޫން 2005، ގައި ދިރާގުގެ ލޯގޯ އާއި ކުލަ ފުރަތަމަ ފަހަރަށް ބަދަލުކުރިއެވެ. މިހާރު ފެންނަ ލޯގޯ ތައާރަފުކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. "ވަޓްސް ނެކްސްޓް"ގެ ނަމުގައި ވަރުގަދަ ކެމްޕޭނަކާ އެކު ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތަކެއް ހިންގުމަށްފަހު، ދިރާގުގެ މިލޯގޯ ލޯންޗު ކުރީ 25 މެއި 2017 ވީ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ދިރާގުގެ މިހާރުގެ ލޯގޯ އޮރެންޖު ކުލާގައި (ކ). އެންމެ ފަހުން ބޭނުން ކުރި ލޯގޯ (މ). އަދި ދިރާގުގެ ހިދުމަތް 1988 ފެށިއިރު ބޭނުން ކުރި ލޯގޯ (ވ)

ޒަމާން ބަދަލުވަމުން އައިއިރު ޚިދުމަތްތައް ސަރަހައްދީ ނިސްބަތުން މަތީ ފެންވަރަށް

ރާއްޖޭގެ ރަށްތައް މުއާސަލާތީ އެއް ވިއުގައަކުން ގުޅުވާލުމަށް ސްރީލަންކާއާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް ދިރާގުން ވަނީ އަޅާފައެވެ. މި ކޭބަލް އެޅުމުން ރާއްޖޭގެ މުއާސަލާތީ ހިދުމަތް އެތައް ގުނައެއް ފުރިހަމަވެގެން ދިޔައެވެ. ހަމަ މިއާއެކު ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ކަމަށްވާ 3ޖީ އައި 4ޖީ ވެސް ދޭން ފެށިއެވެ.

ދިރާގުގެ ޚިދުމަތައް ކުރިއެރި މިންވަރަށް ބަލާއިރު 2018 ވަނަ އަހަރު އައިއިރު ރާއްޖޭގެ ހުރިހާ ރަށަކަށް 4ޖީ ކަވަރޭޖް ލިބެއެވެ. ޖެހިގެން އައި އަހަރު 5ޖީ ޚިދުމަތް ތައާރަފުކުރި އިރު، މުޅި ދެކުނު އޭޝިއާ ސަރަހައްދުން ވެސް އެޚިދުމަތް ފުރަތަމަ ތައާރަފުކުރީ ދިރާގުން ރާއްޖެއަށެވެ. މިއަދު ދިރާގުގެ 99 އިންސައްތަ މުވައްޒަފުންގެ ގޮތުގައި ދިވެހިން ތިބިއިރު، މިއީ އެކުންފުނީގެ ކާމިޔާބީގެ ސިއްރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ދިވެހިންނަކީ ކަންކަމުގައި ހިކުމަތްތެރި، މޮޅު އަދި ހީވާގީ ބައެކެވެ.

އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ތިމާވެށި ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން އަންނައިރު ޒުވާނުންނާއި އަންހެނުން ކުރިއެރުވުމަށް ވެސް ތަފާތު މަސައްކަތްތައް އެ ކުންފުނިން ކުރެއެވެ. އެހެންކަމުން މިއިން ދޭހަކޮށްދެނީ ދިރާގުގެ ފޯކަސް އޮތީ ހަމައެކަނި މުވާސަލާތީ ވިއުގައަށް ނޫން ކަމެވެ. މުޖުތަމައަށް ބޭނުންވާ ކޮންމެ ކަމެއްގައި ވެސް ދިރާގަށް ވީ ވަރަކުން އެހީތެރިވެދިނުމަކީ ދިރާގުން އުފަލަކަށް ހަދާ ކަމެކެވެ.

ދިރާގުގެ 34 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުން މިދަނީ މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ހީނަރުކަން އައިސްފައިވާ ދަނޑިވަޅެއްގައެވެ. މި ދަނޑިވަޅުގައިވެސް ދިރާގުން ވަނީ ޤައުމީ ކުންފުނީގެ ހައިސިއްޔަތުން ނަމޫނާ ދައްކާފައެވެ. ކޮވިޑް-19ގެ ހާލަތުގައި ދިރާގުން ވަނީ މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ހޯމް ބްރޯޑްބޭންޑު ޙިދުމަތާއި، މޮބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައްވެސް ވަނީ ހެޔޮކޮށްފައެވެ.

ދިރާގަށް މިއަދު 34 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުއާޞަލާތީ ތަރައްޤީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ދިރާގު ދެމި އޮންނާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއެވެ.