އިންޑިއާ އިން މާލެ ދަތުރުކުރަމުން އައި ބޯޓެއް އަޑިއަށް ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި ބޯޓެކެވެ.

މި ހާދިސާގައި އެބޯޓުގައި ތިބި 7 ފަޅުވެރިންގެ ތެރެއިން 6 މީހުން ފެނިފައިވާއިރު، އެކަކު ނުފެންނަކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ، މިދިޔަ ބުދަ ދުވަހު ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފެނުނު 6 ފަޅުވެރިން، ކަނޑުވެފައި ވަނިކޮށް އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އަދި މި މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދާ މީހާ ލައިގެން ހުރީ، ނޫކުލައިގެ ޓީޝާޓަކާއި އަދި ނޫކުލައިގެ ސޯޓްބުރިއެކެވެ. އަދި، އެންމެ ފަހުން އޭނާ ފެނުނުއިރު އޭނާ އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގެއްލިގެން ހޯދާ މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.