ރާއްޖޭގައި އަނެއްކާވެސް ބޮޑު ސްކޭމް އެއް ހިންގާ، އެތައް ބައެއްގެ އަތުން އެތައް ލައްކަ ރުފިޔާއެއް ފޭރިގެންފިއެވެ.

މީސް މީޑިއާގައި މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، އެފަދަ މައްސަލައެއް ބަލަމުން އަންނަކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ ބައެއްގެ އަތުން އެފައިސާ އަތުލައިގެންފައިވަނީ އީކޯމާސް އިލެކްޓްރޯނިކް މޯލްޑިވްސް (އޭ.އީ.އެމް) ނަމަކަށް ކިޔާ އިންސްޓަގްރާމް ޕޭޖަކުންނެވެ.

އެގޮތުން މި ޕޭޖުން މިހާތަނަށް ވަނީ އައިފޯނުގެ އެކި ސީރީސްތައް ގަނެދޭނެކަމަށްބުނެ 100 އަށްވުރެ ގިނަ މީހުންގެ އަތުން ޕްރީއޯޑަރަށް 300،00 (ތިން ލައްކަ) އަށްވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން އަތުލާފައެވެ.

އެ އިންސްޓަގުރާމް ޕޭޖުގައި ބުނެފައިވަނީ އެ ޕޭޖަށް އޯޑަރުކުރާތާ 30 ދުވަހުގެ ތެރޭގައި އޯޑަރުކުރާ ތަކެތި ފޯރުކޮށްދޭ ކަމަށެވެ. އަދި މިފެށުނު އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ފޯނުތަކުގެ ޑެލިވަރީ ފަށާނެ ކަމަށާއި 5 ވަނަ ދުވަހު ޑެލިވަރީ ނިންމާލެވޭނެ ކަމަށް ބުނެފައިވެއެވެ.

އެ ޕޭޖަށް 8،115 މީހުން ފޮލޯކުރަމުން އައެވެ. އެ ފައިސާ ނެގުމަށްފަހު، އެ މީހުން ހަދާފައިވާ އިންސްޓަގްރާމް އެކައުންޓުވަނީ ފުހެލާފައެވެ. އަދި މިކަމަށްޓަކައި އެ ޕޭޖުން ބޭނުންކޮށްފައިވާ ނަމްބަރު، 9912523 ވަނީ މިހާރު ޑީއެކްޓިވޭޓު ކޮށްލާފައެވެ.

އައިފޯނުގެ މޮޑެލްތައް ގަނެދޭނެކަމަށްބުނެ އޮޅުވާލައިގެން އެތައް ފައިސާއެއް ހޯދާފައިވާއިރު، މިއީ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން އެތައް ފައިސާއެއް ހޯދަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެކި މުއައްސަސާ ތަކާއި، ވިޔަފާރިތަކުގެ ނަމުގައި ގުޅައިގެން، އެތައް ބަޔަކު މި މަޅީގައި ޖައްސައިގެން ފައިސާ ހޯދާކަން ފާހަގަކޮށްލެވެއެވެ.

މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ކަމާބެހޭ މުއައްސަސާތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ކާކުކަން ކަށަވަރުނުވާ ފަރާތްތަކާއެކު ވިޔަފާރި މުއާމަލާތްތައް ނުހިންގުމަށް އެ މުއައްސަސާތަކުން އިލްތިމާސްކުރެއެވެ.