ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުއުތުރާ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ވިނޭ މޯހަން ރާއްޖެ ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އޭނާއަށް މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓަރ ޝާހިދު އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

މިދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދައުވަތަކަށް މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ނިންމާފައިވާ ދަތުރުފުޅެކެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅަކީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދަތުރުފުޅުގެ ތެރެއިން ދެ ފޮރިން ސެކްރެޓްރީންގެ ދެ ގައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިހާރު އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ މަޝްރުއޫތައް ކުރިއަށްދާގޮތްވެސް އެމަނިކުފާނު ބައްލަވާނެ ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރަޓަރީ ވިނޭ މޯހަންގެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިން އެ މަގާމުގައި ހުންނެވި ހާޝް ވަރުދަން ޝްރިންގްލާ ވަނީ 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ.